ރާޖަޕަކްސަގެ އާއިލާއަށް ސޮނެވާއިން ވިލާއެއް ވިއްކަން އުޅޭ ވާހަކަ ދޮގުކޮށްފި

ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އާއިލާއަށް ސޮނެވާއިން ވިލާއެއް ވިއްކައިލާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ސޮނެވާއިން ދޮގު ކޮށްފިއެވެ.
މިކަން އިއްޔެ ރިޕޯޓުކޮށްފައިވާ ލިޔުމުގައި ބުނެފައި ވަނީ ސޮނެވާއިން ވިލާއެއް މަހިންދަ ރާޖަޕަކްސަގެ އާއިލާއަށް ވިއްކުމަށް މަޝްވަރާ ކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މެދުވެރިއަކަށް ވެގެންކަމަށާއި ޕްރައިވެޓް ވިލާއެއް ވިއްކުމަށް އެއްބަސްވެފައި ވަނީ 12 މިލިއަން ޑޮލަރަށް ކަމަށެވެ.
މިކަން ދޮގުކޮށް މިއަދު ސޮނެވާއިން ނެރުނު ބަޔާނެއްގައި ބުނީ، ރާޖަޕަކްސާގެ އާއިލާއަށް އެ ތަނުގެ ރިސޯޓަކުން ވިލާއެއް ވިއްކުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެ ފަތުރައިފައި ވަނީ ދޮގު ޚަބަރެއް ކަމަށާއި ސޮނެވާގެ އެއްވެސް ޕްރޮޕަޓީއެއް ރާޖަޕަކްސާގެ އާއިލާއަށް ވިއްކުމަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިވަގުތު ގެންދަވަނީ ސްރީލަންކާއަށް ދިމާވެފައިވާ ދަތި ޙާލަތުން އަރައިގަތުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރައްވަމުންނެވެ. އެގޮތުން އެ މަނިކުފާނު މިވަގުތު ހުންނެވީ ވެސް ސްރީލަންކާގައެވެ.