ޓީބީ އައުޓުބްރޭކެއް ނެތް - ހެލްތު މިނިސްޓްރީ

މިވަގުތު ރާއްޖޭގައި ޓީބީ އައުޓުބްރޭކެއް ނެތްކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މާލޭގެ ސީ.އެޗް.އެސް.ސީން ޓީބީގެ ވޭދަނައެއް ފެނިފައިވާކަމަށް މިއަދު މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާއްޖޭގައި ޓީބީ ފެތުރިފައިވޭތޯ ބެލުމަށް އެޗް.ޕީ.އޭއާ ގުޅިގެން އެކި ތަންތަނުގައި ސްކްރީނިންގ ޕްރޮގުރާމުތައް ކުރިއަށް ގެންދާކަމަށެވެ.
އަދި މިވަގުތު ޓީބީގެ އައުޓުބްރޭކެއް ނެތްކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މީގެ އިތުރުން ދޭތެރެ ދޭތެރެއިން އެކި އުމުރުގެ މީހުންގެ ފަރާތުން މި ބަލި ފެންނަ ކަމަށާއި ޓީބީ ބަލި އެއްކޮށް އަދި ފިލައިގެން ނުދާކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
2025އާ ހަމައަށް ރާއްޖެއިން އެއްކޮށް ޓީބީ ބަލި ނައްތައިލުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މިކަަމަށް އެހީވުމަށް އިންޑިއާއިން ދާދި ފަހުން ވަނީ ގިނަ އަދަދެއްގެ ޓީބީ ބޭސް ވެސް ހަދިޔާކޮށްފައެވެ.