މަސްދަޅު ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފި

މިފްކޯއިން ވިއްކަމުން އައި މަސްދަޅު ކޭހުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މިއަހަރުގެ ރޯދަ މަހުގެ ކުރިން ވެސް އަގުތަކަށް ބަދަލު ގެނައުމަށް މިފްކޯއިން ނިންމައިފައި ވާއިރު، އޭރުގެ އަގުތަކަށް ރޯދަ މަހު ވިއްކަމުން ދިޔައީ މިފްކޯ ރޯދަ ޕްރޮމޯޝަންގެ ތެރެއިންނެވެ. އަދި ރޯދަ ޕްރޮމޯޝަން ނިމުމުން އަގުތައް ބޮޑުވާނެ ކަމަށް މިފްކޯއިން އޭރު ވެސް ވަނީ ބުނެފައެެވެ.
އޮންލައިން ނޫސް 'އަވަސް'އަށް ދެއްވި އިންޓަވިއުއެއްގައި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ، އަގު ބޮޑު ކުރަން ޖެހިފައިވަނީ އިތުރު އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.
"ޔޫކްރޭން ހަނގުރާމައިގެ ސަބަބުން މަސް ދަޅަށް އަޅާ ސަން ފްލާވާ އޮއިލް ބޮޑުތަނުން ބޮޑުވެއްޖެ. ޕެކިން މެޓީރިއަލްގެ އަގު ބޮޑު ވެއްޖެ. ތެލުގެ އަގު މަތިވުމުން ފްރައިޓުގެ އަގު ވެސް މަތިވެއްޖެ. މިހެން ގޮސް ހުރިހައި އެއްޗެއް މަތިވެއްޖެ. އެހެންވެ މަތި ކުރަން ޖެހުނީ،" މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.
މިހާރު މިފްކޯއިން ތެޔޮ މަސްކޭހެއް ވިއްކަނީ 740 ރުފިޔާއަށެވެ. އަދި ފެން މަސްކޭހެއް ވިއްކަނީ 715 ރުފިޔާއަށެވެ.