ކޮވިޑުގެ ހާލަތު ގޯސްވަނީ، 185 އިންސައްތައަށް ވޭދަނަތައް އިތުރުވެއްޖެ

ޖޫން މަހުގެ ދެވަނަ ހަފްތާއާ އަޅާ ބަލާއިރު ޖޫން މަހުގެ ތިންވަނަ ހަފްތާގައި ކޮވިޑްގެ ވޭދަނައް 185 އިންސައްތައަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑްގެ ހާލަތު ގޯސްވަމުންދާކަމަށާއި އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. މިގޮތުން ސްކޫލްތަކާއި އޮފީސްތައް ފަދަ ތަންތަނާއި ގިނަ މީހުން އެއްވާ ބަންދު ތަންތަނުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ސިއްޙީ ހިދުމަތްދޭ ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށާއި ބަލި މީހުންނަށް ޒިޔާރަތް ކުރުން ހުއްޓައިލާން ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.