ޑުރަގު ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ނުވަ ޖަމިއްޔާއަކުން ގޮވާލައިފި

ޑުރަގު ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ނުވަ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަޝްވަރާކުރަން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
ނަމަވެސް އެމްނެސްޓީ އިންޓަނޭޝަނަލްއާއި ހިއުމަން ރައިޓްސް ވޮޗް އަދި ރާއްޖޭގައި މަނާކޮށްފައިވާ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް(އެމްޑީއެން) ހިމެނޭ ގޮތަށް ނުވަ ޖަމިއްޔާއަކުން ވަނީ އެކަމާ ދެކޮޅަށް އިއްޔެ ބަޔާނެއް ނެރެފަ އެވެ.
އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ މަރުގެ އަދަބު އެއްވެސް ހާލަތަކާ ގުޅިގެން ދިނުމަކީ އެ ޖަމިއްޔާތަކުން ދެކޮޅު ހަދާކަމެއް ކަމަށެވެ.
އެެހެންވެ އެ ނިންމުން ތަންފީޒުކުރަން ފަށަން ކުރަމުންދާ މަސައްކަތްތައް ދިވެހި ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް ހުއްޓާލުމަށް އެ ޖަމިއްޔާތަކުން ގޮވާލި އެވެ.
ސަރުކާރުގެ ފަރާތުން މަސްތުވާތަކެތީގެ ބިލެއް މަޖިލީހަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. އެ ބިލުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެތެރެކުރުމާއި ވިޔަފާރިކުރުމަށް ބޮޑެތި އަދަބުތައް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ޖޫރިމަނާ ފަދަ އަދަބުތައް ފާހަގަކޮށްލެވެ އެވެ. އެކަމަކު މަރުގެ އަދަބެއް ބިލު ހުށަހެޅި އިރަކު ނެތެވެ.
ނަމަވެސް ރައީސް މުއިއްޒު މިދިޔަ މަހުގެ 30 ވަނަ ދުވަހު އެކްސްގައި ވިދާޅުވީ މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު އިތުރަށް ދިރާސާކުރުމަށް ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވައިފައިވާ ކަމަށެވެ.
