ޚަބަރު

ވައިރަހުން ރައްކާތެރިވުމަށް ކޮންމެ ފިޔަވަޅެއް އަޅަން ވެސް ތައްޔާރު: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް(ކޮވިޑް-19)އާ ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި ސަރުކާރުން ތައްޔާރަށް އޮތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ސޯލިހު މިހެން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ޑޮކްޓަރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރާއި، މިކަމުގައި އެހެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި، މި ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އަދި، މި ވައިރަހުގެ އަސަރު ރާއްޖެއިން ފެނިދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިޔަށްގެންދިއުމާއި މޮނިޓަރކުރުމުގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވާ، ރައީސުލްޖުމްހޫރިއްޔާވަނީ ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނަށް އިރުޝާދުދެއްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!