އިތުރު ތަހުގީގުތަކަކަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަނީ
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުން ކުރަމުން ގެންދާ އިތުރު ތަހުގީގުތަކަކަށް އެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ތެރެއިން ދައުވާ އަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަން ސާބިތުވުމުން އިތުރު ކަންތައްތަކަކަށް ތަހުގީގަށް ހާޒިރުވުމަށް ރައީސް ޔާމީނަށް އިއްޔެ ފުލުހުން އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަހަރު ދުވަސް ވެގެން ދިޔައިރުވެސް ކަމެއް ނުކުރެވި ފެއިލްވުމުން ރައީސް ޔާމީން ދެކެ ކޯފާވާނެ ކަމެއް ނެތް ކަމަށެވެ.
އެނިފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ މާދަމާ 14:00 ގައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިން ދައުވާ ސާބިތުވާ ކަމަށް ނިންމައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ. މިހާރު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެމަނިކުފާނުގެ ފަރާތުން ވަނީ ގިނަ ކަންތައްތަކެއް ހުށަހަޅާފައެވެ.