ތުއްތު ދަރިފުޅު ބަލިތަކުން ރައްކާތެރި ކުރުމަށް، މިކަންކަމަށް ސަމާލުކަންދީ

ޙަޔާތުގެ އެންމެ ފުރަތަމަ ދުވަސްތައް ގުނަމުންދާ ތުއްތު ކުދިންނަކީ ދިފާޢީ ނިޒާމު އެހާ ވަރުގަދަވާނެ ބައެއް ނޫނެވެ. މަންމަގެ ބަނޑުން ނުކުމެ، މުޅިން އައު މާހައުލެއްގައި އުޅެމުން އަންނައިރު، ތުއްތު ކުދިންނަށް ނިކަން ފަސޭހައިން ބަލިތައް ޖެހޭ ގޮތްވެއެވެ.
ވިއްސާރަ މޫސުމުގައި ތަފާތު ބަލިތައް ފެތުރެމުން އަންނައިރު، ރާއްޖޭގައިވެސް ވައިރަލް ހުމާ ރޯގާ ޖެހޭ މިންވަރު، ފާއިތުވި އަހަރުތަކާ އަޅާބަލާއިރު، މިއަހަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން ބަލިތަކުން ދަރިން ރައްކާތެރި ކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ކުރުން ވަރަށް މުހިންމެވެ.
<strong>އަތްނުދޮވެ، ދަރިފުޅު ގައިގައި އަތްނުލުން:</strong>
އެކި ބަލިތައް ފެތުރޭއިރު، ދަރިފުޅު އުރައި އުޅޭ މީހުން ސާފުތާހިރު ވުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ. މިގޮތުން ރަނގަޅަށް އަތްދޮވެގެން ނޫން ގޮތަކަށް، ދަރިފުޅު އުރައި ނޫޅޭށެވެ.
<strong>ދަރިފުޅު ކައިރިއަށް އަންނަ މީހުންގެ އަތް ސެނިޓައިޒް ކުރަން ބުނުން:</strong>
މިއީވެސް ވަރަށް މުހިންމު ކަމެކެވެ. އަލަށް އުފަންވާ ތުއްތު ކުއްޖެއް ކައިރިއަށް، ތިބާގެ ޢާއިލާގެ މެމްބަރުންނާ ރަޙްމަތްތެރިންވެސް ޒިޔާރާތް ކުރާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެެވެ. މިގޮތަށް އަންނަ މީހުން ބޭނުން ކުރުމަށް އަބަދުވެސް ސެނިޓައިޒަރއެއް ބަހައްޓައި، ދަރިފުޅު އުރައިލުމުގެ ކުރިން އެ ބޭނުން ކުރަން ހަނދާން ކޮށްދޭށެވެ.
<strong>ބަލިވެފައިވާ މީހުންނާ ދުރު ކުރުން:</strong>
ތަފާތު ވައިރަސް ތަކަކީ ވަރަށް ފަސޭހައިން ފެތުރޭ އެއްޗެކެވެ. ވަކިން ޚާއްސަކޮށް ރޯގާއާ ފްލޫ އަކީ، ބަލި ޖެހިފައި ހުންނަ މީހަކު އަޅައިލާ ކިނބިއްސަކާއެކުގައިވެސް، އެހެން މީހުންނާ ހަމައަށް ވާސިލު ކުރުވާނެ ފަދަ ބަލިތަކެވެ. ބަލިޖެހިފައި ތިބޭ މީހުންނާ، ތުއްތު ދަރިފުޅު ކައިރި ނުކުރުން މުހިންމު ވަނީ މި ސަބަބާ ހުރެއެވެ. ޢާއިލާގެ ގިނަ މީހުންނަށް ފްލޫއެއް ޖެހިފައިވާނަމަ، އެންމެން އެންމެން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ހުރުމަކީ، ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ މުހިންމު ކަމެެކެވެ.
<strong>ގާތުން ކިރު ދިނުން:</strong>
ތުއްތު ކުއްޖާއަށް ގާތުން ކިރު ދިނުމަކީ، އެ ކުއްޖެއްގެ ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ ކަމެއް ކަމަށް ސިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެވެ. މައިމީހާގެ ގާތުން ދޭ ކިރުގައި، ތުއްތު ދަރިފުޅު އެކި ބަލިތަކުން ރައްކާތެރިކޮށްދޭނެ އެންޓިބޮޑީސް ހުންނަ ކަމަށްވެއެވެ.







ކޮމެންޓް