މާ ގިނައިން މީމްސް ޝެއަރ ކުރަނީ ޑިޕްރެސް ވެފައި ތިބޭ މީހުން - ދިރާސާ
މީމްސް ނުވަތަ އެކި އެކި މަޖާ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ޝެއަރކުރުމަކީ ޒުވާނުންގެ ތެރޭގައި ވަރަށް މަގުބޫލުވެފައިވާ ކަމެކެވެ. އެކި ދުވަސްވަރު އެކި މީމް ޓްރެންޑުތައް އޮންނައިރު ޑިޕްރެޝަން މީމްސް ތަކަކީ ވެސް ވަރަށް ގިނައިން ޝެއަރ ކޮށް އުޅޭ ވައްތަރެކެވެ.
ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި މާ ގިނައިން މިފަދަ މީމްތައް ޝެއަރ ކުރަނީ ޑިޕްރެސް ވެފައިވާ މީހުންނެވެ. އަދި މިފަދަ މީހުން މީމްސް ގެންގުޅެނީ ޑިޕްރެޝަން ފޮރުވުމަށް ނުވަަތަ އެއާއި ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައެވެ.
200 މީހުން ހިމަނައިގެން ކުރި މިދިރާސާ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ މީމްސް އާއި ޑިޕްރެޝަނާއި ދެމެދު އެއްވެސް ގުޅުމެއް އޮތްތޯ ބެލުމެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ޑިޕްރެޝަން ގެ އަލާމާތްތައް ހުންނަ މީހުނަށް ބަލައި ގުރޫޕުތަކަކަށް ބަހާލައިގެންނެވެ. މީމްސް ތައް ކަމުދަނީ ކިހާވަރަކަށްތޯ ބަލައި އެ ރޭޓު ކުރަން ޖެހުނު އިރު ބޮޑަށް ޑިޕްރެޝަން ގެ އަލާމާތް ފެންނަ މީހުނަށް ބޮޑަށް މީމްސް ކަމުގޮސްފައިވާކަމަށް ދިރާސާކުރި ޓީމްއިން ފާހަގަ ކުރެއެވެ.