މަރުވި ކަމަށް ހަދައި، ޖަލުން ފިލުމަށް ތަފާތު އުކުޅެއް ބޭންކޮށްފި
ދެކުނު އެފްރިކާގައި، ރޭޕްގެ ކުށް ސާބިތު ވެގެން ޖަލަށް ލައިފައިވާ މީހަކު ޖަލުން ފިލުމަށް، މުޅިން އައު އުކުޅެއް ބޭނުންކޮށްފިއެވެ.
ތަބޯ ބެސްޓާ ނަމަކަށް ކިޔާ އެ ފިރިހެންމީހާ، މަރުވީ މިދިޔަ އަހަރުގެ މެއި މަހު ބްލޮމްފޮންޓެއިންގައި ހުންނަ އަމިއްލަ ފަރާތަކުން ހިންގާ ޖަލެއްގައި ރޯކޮށްލުމަށް ފަހު ކަމަށް ކުރިން ފުލުހުންނަށް އޮތީ ބެލެވިފައެވެ.
ނަމަވެސް މި ހަފުތާ ބަންދުގައި ފުލުހުން ބުނީ ސީރިއަލް ރޭޕިސްޓްގެ ގޮޅިން ފެނުނު އަނދާފައިވާ ހަށިގަނޑަކީ އެހެން މީހެއްގެ ހަށިގަނޑެއް ކަން ޑީއެންއޭ ޓެސްޓުތަކުން އެނގުނު ކަމަށެވެ.
އެހެންކަމުން ރޭޕިސްޓު ޖަލުން ފިލާފައިވާކަން ޔަޤީން ކުރެވި، ފުލުހުން މިހާރު ދަނީ އޭނާ ހޯދަމުންނެވެ.
"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ އަދުލު އިންސާފުން ފިލައިގެން އުޅޭ މި މީހާ ހޯދުމަށާއި އޭނާ އޭނާގެ މަރުވި ކަމަށް ހެދުނިކ ކިހިނެއްކަން ހޯދުން،"
ފުލުހުންގެ ތަރުޖަމާނު އަތުލެންޑާ މަތޭ ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
"ފޭސްބުކް ރޭޕިސްޓް" ގެ ނަމުން މަޝްހޫރުވި ބެސްޓާ ވަނީ ރޭޕްކޮށް ފޭރުމުގެ ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި، އޭނާގެ ޝިކާރައަކަށް ހެދި މީހުންނަށް ފުރައްސާރަ ވެސް ކޮށްފައެވެ. އޭނާ ރޭޕް ކުރި އެކަކު މަރައިވެސް ލިއެވެ.
އޭނާގެ މައްޗަށް ރޭޕް ކުރުމާއި ފޭރުމާއި މީހުން މެރުމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2012 ވަނަ އަހަރު އެވެ.
މިދިޔަ އާދީއްތަ ދުވަހު ފުލުހުން ބުނީ ބެސްޓާގެ ގޮޅީގައި މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވެފައިވަނީ އަލިފާން ރޯކުރުމުގެ ކުރިން ބޮލަށް ބްލަންޓް ފޯސް ޓްރޯމާގެ ސަބަބުން ކަން އޮޓޮޕްސީއަކުން އެނގިފައިވާ ކަމަށެވެ. މަރުގެ ތަހުގީގެއް ހިންގަން ފަށައިފި އެވެ.