އެސްޓީއޯއަށް މިދިޔަ އަހަރު ރެކޯޑު އާމްދަނީއެއް
މިދިޔަ އަހަރު އެސްޓީއޯއިން ރެކޯޑް އަދަދަކަށް ފައިދާއާއި އާމްދަނީ ހޯދައިފިއެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީީ ރިޕޯޓުން ދައްކާގޮތުން އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު %79 ގެ ކުރިއެރުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، ފާއިތުވި އަހަރު މި ކުންފުނިން ވިއްކި ތެލުގެ އަދަދުވެސް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %27 އިތުރުވެފައިވުމެވެ.
އެއީ އިތުރު މާރކެޓް ޝެއާރ ލިބި ވިއްކުނު ވޮލިއިމްވެސް އިރުވެގެނެވެ. ހަމަމިއާއެކު، ކުންފުނީގެ އެހެނިހެން ވިޔަފާރިތައްވެސް ވަނީ ކުރިއަރާ، އާމްދަނީ އިތުރުވެފައެވެ.
ފާއިތުވި އަހަރު ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ %41 ގެ ކުރިއެރުމެކެވެ.
މި ކުންފުނިން ވަނީ 2022 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް، 1 ބިލިއަން ރުފިޔާ، ހާސިލްކޮށްފައެވެ. 2021 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާއެވެ.
މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު 2022 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 728 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވެއެވެ.
2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާއެވެ.
މިއީ %50 ގެ ކުރިއެރުމެކެވެ. އަދި މީގެ މައިގަނޑު ސަބަބަކީވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމެވެ. ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ވަނީ އިތުރުވެ، 1 ބިލިއަނަށް އަރާފައެވެ.