ޖަލަށްލާފައިވާ ހޮންގްކޮންގްގެ ވިޔަފާރިވެރިޔާގެ ދަރިފުޅު އިނގިރޭސިވިލާތުތަށް ފާޑު ކިޔައިފި
ޖަލަށްލާފައިވާ ހޮންގްކޮންގްގެ މީޑިއާ ޓައިކޫނެއްގެ އިނގިރޭސި ދަރިކަލުން އިނގިރޭސި ވިލާތުގެ ސަރުކާރުގެ "މުޑުދާރުކަން" ކުށްވެރިކޮށްފި އެވެ.
ސެބެސްޓިއަން ލައި ވިދާޅުވީ ހޮންގްކޮންގްގައި ޚިޔާލު ތަފާތުވުންތަކާ ދެކޮޅަށް ހިންގަމުންދާ ހަރުކަށި ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް ކުށްވެރިކުރުމުގައި އިނގިރޭސިވިލާތް ފެއިލްވެފައިވާ ކަމަށެވެ.
އަދި އޭނާގެ ބައްޕަ ޖިމީ މިނިވަން ކުރުމަށް ގޮވާލާފައި ނުވާ ކަމަށާއި އަދި ޗައިނާއާ އެކު ވިޔަފާރި ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރު ޖިމީ ލައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ގާތްގަނޑަކަށް ހަ އަހަރަށް ޖަލަށް ލައިފަ އެވެ. އަދި ގައުމީ ސަލާމަތުގެ ދައުވާވެސް އޭނާގެ މައްޗަށް ކުރެއެވެ.
ޑިމޮކްރަސީއަށް ތާއީދުކުރާ އެޕަލް ޑެއިލީ ޕޭޕަރު އުފެއްދެވި އުމުރުން 75 އަހަރުގެ ޓައިކޫން އަކީ ޑިމޮކްރަސީއަށް ތާއީދުކުރާ 47 އެކްޓިވިސްޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ކުށް ސާބިތުވެއްޖެ ނަމަ އުމުރުގެ ބާކީ ބައި ޖަލުގައި ހޭދަކޮށްފާނެ އެވެ.
ގައުމީ ސަލާމަތުގެ މައްސަލަތަކުގައި ބޭރުގެ ވަކީލުންނަށް ކްލައިންޓުންގެ ދިފާއުގައި ވާހަކަ ދެއްކުމަށް ހުރަސް އެޅޭ ގޮތަށް ހޮންގްކޮންގް ސަރުކާރުން މިދިޔަ ބުދަ ދުވަހު ގާނޫނުތައް ފާސްކުރީ ޖިމީ ލައި މަޝްހޫރު ކިންގްސް ކައުންސެލް ޓިމް އޮވެން އައްޔަން ކުރުމާ ގުޅިގެންނެވެ.
ހޮންގްކޮންގްގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން ވޮޝިންޓަންގައި އެ ދުވަހު ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ސެބެސްޓިއަން ލައި ވަނީ އިނގިރޭސި ވިލާތުގެ ސަރުކާރު "ވަރަށް ބޮޑަށް ބަލިކަށި" ކަމަށް ސިފަކުރައްވާފަ އެވެ. އަދި ކެތަލިކަކަށް ނިސްބަތްވާ އޭނާގެ ބައްޕަގެ ހައްގުގައި ތެދުނުވާތީ ވެޓިކަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިކަންކަމުގައި އެމެރިކާ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށް ވިދާޅުވެފައެވެ.
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޓަކައި ޖަލުގައި ހުރި އެ ގައުމުގެ ރައްޔިތެއްގެ ފަރާތުން ވާހަކަ ދެއްކުމަށް ޑިމޮކްރެޓިކް ސަރުކާރަކުން ބިރުގަނެ- ނުވަތަ ހުއްދައަށް އެދުމަކީ ވަރަށް ހިތާމަހުރި ކަމެއް،" ސެބެސްޓިއަން ލައި ވިދާޅުވި އެވެ.
2020 ވަނަ އަހަރު އޭރުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވީ ޖިމީ ލައިގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދޭހަވަނީ ހޮންގްކޮންގްގެ ކަމާބެހޭ ފަރާތްތަކުން އެގައުމުގެ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމަށް ދެމުން ގެންދާ ހަމަލާތައް ކަމަށެވެ.
އޭނާގެ ފަހުން އައި ޖޭމްސް ކްލެވާލީ އާއި ލިޒް ޓްރަސް ވެސް ވަނީ ބެއިޖިން އިން ގައުމީ ސަލާމަތާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމާ އެކު އެ ސަރަހައްދުގެ މިނިވަންކަން "ނިގުޅައިގަނެފައިވާ" ކަމަށް ބުނެފަ އެވެ.