ޗައިނާއާ އެކު އޮންނަ އާންމު ގުޅުމަށް ބޯޑަރު ސަރަހައްދުގައި ސުލްހަ ގާއިމުކުރުން މުހިންމު: މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ޗައިނާއާއެކު އޮންނަ ގުޅުން 2020 ވަނަ އަހަރު ހީނަރުވުމާ ގުޅިގެން، އިންޑިއާގެ ބޯޑަރު ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަކީ އާންމު ގުޅުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
މޯދީ ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބިނާކުރެވޭނީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމާއި، އެކަކު އަނެކަކަށް އިހުލާސްތެރިކަމާއި، އެކަކު އަނެކަކުގެ މަސްލަހަތުގެ މައްޗަށް ކަމަށެވެ.
ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ނިއްކީ އޭޝިއާއަށް ދެއްވި އިންޓަވިއުއެއްގައި މޯދީ ވިދާޅުވީ އިންޑިއާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި އެގައުމުގެ އިސްތިގުލާލާއި ކަރާމާތް ހިމާޔަތް ކުރުމަށް ކަމަށެވެ.
އާދީއްތަ ދުވަހާ ހަމައަށް ކުރިއަށްދާ މި ސަމިޓަށް ޖަޕާނުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި މޯދީ ވަނީ ހުކުރު ދުވަހު ހީރޯޝީމާއަށް ވަޑައިގެންފަ އެވެ.
އަދި ޗައިނާއާ އެކު އޮންނަ އާންމު ގުޅުމަށް ބޯޑަރު ސަރަހައްދުތަކުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި ޗައިނާއާ އެކު އޮންނަ ގުޅުން އާންމު ކުރުމަކީ ފުޅާ ސަރަހައްދަށާއި މުޅި ދުނިޔެއަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
2020 ވަނަ އަހަރު ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކުގައި 24 ސިފައިން ޝަހީދުކޮށްލުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
މިއީ ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިންޑިއާ އާއި ޗައިނާއާ ދެމެދު ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.
ޖީ-7 ސަމިޓްގެ ހަވާސާގައި އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާގެ ލީޑަރުންނާ އެކު މޯދީ ބައިވެރިވެވަޑައިގަންނަވާނީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ބާރު ގަދަވުން ހުއްޓުވުމުގެ މަގްސަދުގައި ބާއްވާ ކުއާޑް ގެ މެމްބަރުންގެ އެއްވުމަކަށެވެ.
އިންޑިއާގެ އެންމެ ވާދަވެރި ޕާކިސްތާނާ އެކު އޮންނަ ގުޅުމާ ބެހޭ ގޮތުން ސުވާލު ކުރުމުން މޯދީ ވިދާޅުވީ އިންޑިއާ އިން ބޭނުންވަނީ "އާދައިގެ އަދި އަވަށްޓެރި ގުޅުމެއް" ކަމަށާއި ނަމަވެސް ޓެރަރިޒަމާއި ހަނގުރާމައިން އެއްކިބާވެފައިވާ ފަހި މާހައުލެއް ގާއިމުކުރުމަކީ އިސްލާމްއާބާދުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޒިންމާ އޮތީ ޕާކިސްތާނުގެ ބޮލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.