ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި، ހަމަޖެހުން ޤާއިމު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ އެއް ކަންތައް: ނައިބު ރައީސް
ކުރިޔަށް އޮތްތަނުގައިވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައްތައްކަމުގައި ރައީސް ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ، ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ޝާމިލުވެވަޑައިގެންނެވި ޢިލްމުވެރިންނާ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތަކާއެކު މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ޙާއްޞަކޮށް މީހުން ބިނާކުރުމަށާއި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމުގައި ވިދާޅުވިއެވެ.
އެގޮތުން އައު ދިރާސީ އަހަރާއެކު ސްކޫލްތަކާއި މުޖުތަމަޢަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމާޒުކޮށް އިތުރަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، ޤުރުއާން މުބާރާތްތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދެވޭ ހަރަކާތްތައް ކުރިޔަށްއޮތްތަނުގައިވެސް މެދުކެނޑުމެއްނެތި ކުރިޔަށްދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ހެދިބޮޑުވެގެން އަންނަ ޖީލުތަކަކީ ދީނަށް ލޯބިކުރާ، ޢިލްމީ އަދި ތަހުޒީބުބަޔަކަށް ހެދުމަށާއި މުޅި މުޖުތަމަޢުގެ ހެވާ ލާބައަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
1444 ވަނަ އަހަރުގެ ރަމަޟާން މަހު، މީގެ ކުރީގެ އަހަރުތަކުގައި ކުރިޔަށް ނުގެންދާހާ ގިނަ ޢަދަދަކަށް ދީނީ ޕްރޮގްރާމުތައް ކުރިޔަށްގެންގޮސްފައިވެއެވެ.
އޭގެ ތެރޭގައި މާލޭސިޓީގައި ކުރިޔަށް ގެންދިޔަ އިޙްޔާ ޖަލްސާތަކާއި އަތޮޅުތަކުގައި ކުރިޔަށް ގެންދިޔަ އިޙްޔާ ޖަލްސާތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ފޯރަމްތަކާއި ސްކޫލުކުދިންނާއި ޢާންމުންނަށް ކުރިޔަށްގެންދިޔަ ސެޝަންތަކާއި ފޯރަމްތައް ހިމެނެއެވެ.