ދުނިޔެ

މޯދީގެ ދަތުރުފުޅާއެކު މިސްރާއެކު އޮތް ގުޅުން ބަދަހިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގާހިރާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި މިސްރާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ ދާއިރާއާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ދެ ގައުމުން ބުނެފި އެވެ.

Ads by WAMCO

މިސްރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މޯދީ ވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އާއި "އިންޑިއާ ޔުނިޓަކަށް" އައްޔަންކޮށްފައިވާ މިސްރުގެ ވަޒީރުންނާ ބައްދަލުކުރައްވައި، މިދިޔަ ޖެނުއަރީ މަހު ސީސީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި "ސްޓްރެޓެޖިކް ޕާޓްނާޝިޕެއް" އިއުލާނު ކުރައްވާފައެވެ.

ދެ ފަރާތުން ވެސް ބުނީ އާދީއްތަ ދުވަހު ބޭއްވި މަޝްވަރާތަކުގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި އިއާދަކުރަނިވި ހަކަތަ އާއި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ފާމަސޫޓިކަލްސް ފަދަ ދާއިރާތައް ހިމެނޭ ކަމަށެވެ.

"ބޮޑުވަޒީރު (މޯދީ) އާއި ރައީސް ސީސީ ވެސް ޖީ-20 ގައި އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި، ކާބޯތަކެއްޗާއި ހަކަތައިގެ ނާމާންކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ގްލޯބަލް ސައުތުގައި އެއްބައިވަންތަ އަޑު އުފުލަން ޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި،" މޯދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.

ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ އަދި ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ މިސްރަށް ރުޕީސް އިން ގަތުމަށާއި ފާޓިލައިޒަރާއި ގޭސް ފަދަ މުދާ ބާޓާ ކުރުމުގެ ހުއްދަ ދިނުމަށް އިންޑިއާއިން ހުށަހެޅި ހުށަހެޅުން އިންޑިއާއިން ބަލަމުން އަންނަ ކަމަށް މި މަހުގެ ކުރީކޮޅު ރޮއިޓާސްއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނެއެވެ.

ނަމަވެސް އާދީއްތަ ދުވަހު ނެރުނު ބަޔާންތަކުގައި އެ ހުށަހެޅުއްވުމުގެ ވާހަކައެއް ނެތެވެ.

ސުއޭޒް ކެނަލް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތައް ކަށަވަރުކުރުމަށް ޓަކައި މިސްރާއެކު ގުޅުން ބަދަހިކުރަން އިންޑިއާ އިން ޝައުގުވެރިވާ ކަމަށް ބެލެވެ އެވެ. މިދިޔަ އަހަރު މިސްރަށް 4.11 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، 1.95 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!