މާފަރުން ފެނުނީ ބުޅަލެއް ކަމަށް ނިންމައި، ސިފައިން އެ ހޯދުން ހުއްޓައިލައިފި
ނ.މާފަރު އެއާޕޯޓުން ފެނުމަށްފަހު، ގެއްލުނު "ގޮތްނޭނގޭ ޖަނަވާރު" އެއީ ބުޅަލެއް ކަމަށް ނިންމައި، އެ ހޯދަން އެ ރަށަށް ދިޔަ ސިފައިންގެ ޓީމު، ރަށުން ފައިބައިފިއެވެ.
މީސްމީޑިއާގައި އިއްޔެ ވަނީ މާފަރު އެއާޕޯޓުން ފެނުނު ޖަނަވާރުގެ ވީޑިއޯ ދައުރުވެފައެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެ ވީޑިއޯއިން ފެންނަ ކަޅު ކުލައިގެ ޖަނަވާރު ހޯދަންވސިފައިންނާއި އެއާޕޯޓް މުވައްޒަފުން ގުޅިގެން މަސައްކަތް ކުރިއެވެ.
މިކަމުގެ މަޢުލޫމާތު އެނގޭ ފަރާތަކުން އޮންލައިން ނޫހަކަށް ބުނީ ވީޑިއޯއިން ފެންނަނީ ބުޅަލެއް ކަމަށާއި އެ ޖަނަވާރު ބޮޑު ކަމަށް ދައްކަނީ ވީޑިއޯ ތިރިން ނަގާފައި ވާތީ ކަމަށެވެ.
"ތަންކޮޅެއް ތިރިން، [ވީޑިއޯ] ނަގާފައި އިނުމުން ބޮޑު ކަމަށް ދައްކަނީ. ހިއްކާފައި އޮތް ތަނެއް ވީމަ، ބިންގަނޑު ހުދުކުލާގައި އޮވެ، ބުޅާ މާ ބޮޑަށް އެ ފެންނަނީ. އެއީ ދެން ބޮޑު ބުޅަލެއް. ތަންކޮޅެއް ހަށިގަނޑު ރަނގަޅު ބުޅަލެއް،" މާފަރު މީހަކު ބުންޏެވެ.
މާފަރުން ވާހަކަ ދެއްކި މީހާ ބުނީ އާންމުވި ވީޑިއޯ ނަގާފައިވާ ސަރަހައްދަށް ސިފައިން ގޮސް، އަލުން ވީޑިއޯއެއް ނަގާފައިވާ ކަމަށާއި، އެއަށްފަހު ވީޑިއޯގެ އެނާލިސިސް ހަދައި، މާފަރު ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.
އަލުން ނެގި ވީޑިއޯ އެނާލިސިސްއިން ދައްކާ ގޮތުން އެ ސަރަހައްދުން އެ ފެންނަނީ ބުޅަލެއްކަން ދެނެގަނެވިފައިވާ ކަމަށްވެސް ބުންޏެވެ. އަދި މިހާރު އެ ޖަނަވާރު ހޯދުމުގެ މަސައްކަތް ވަނީ ހުއްޓައިލައިފައެވެ.