ޕޯސްޓު އޮފީހުގެ ނަމުގައި ވެސް ޞައްޙަ ނޫން މެސެޖު ފޮނުވަނީ، ސަމާލުވޭ!
![](https://dhen.mv/wp-content/uploads/2023/10/F76a0DGaAAAfdCQ-1024x1024-1-850x548.jpeg)
މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ނަމުގައި ޞައްޙަ ނޫން މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލު ވުމަށް ފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި ބަޔަކު ދަނީ އެސްއެމްއެސް ތަކެއް ފޮނުވަމުންނެވެ.
މިއީ ޞައްޙަ މެސެޖުތަކެއް ނޫން ކަމަށާއި މިގޮތަށް ފޮނުވާ އެސްއެމްއެސްގައި ވާ ލިންކަށް ނުފިތުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.
ފަހަކަށް އައިސް ތަފާތު އެކި ކުންފުނިތަކުގެ ނަމުގައި އެކި ގޮތްގޮތަށް ސްކޭމްތައް ހިންގުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ބީއެމްއެލް އާއި އާބަންކޯ ފަދަ ކުންފުނިތަކުގެ ނަމުގައި ވެސް ފޭކު މެސެޖުތައް ކުރާ މައްސަލަތައް ފެންމަތިވެފައިވެއެވެ.
މީގެއިތުރުން ފޭސްބުކް އައިޑީ ހެކްކުރުމާއި، އެހީއަށް ބޭނުންވާ ކަމަށް ބުނެވެސް، މިފަދަ ސްކޭމްތައް ހިންގައެވެ. ޚިޔާނާތުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ، ނުދަންނަ އެއްވެސް ފަރާތަކަށް ޒާތީ މަޢުލޫމާތު ހިއްސާ ނުކުރަން ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.