ޚަބަރު

ރިސޯޓުތަކަށް އަރާ ފޭބޭނީ ފަތުރުވެރިން ފުރުވަން ދާ މުވައްޒަފުންނަށް އެކަނި: އެޗްޕީއޭ

ދެން އެމްވީ ، ދެން އޮންލައިން

ރިސޯޓުތަކުން އަރައި ފޭބުން ކޮންޓްރޯލު ކުރި ނަމަވެސް ފަތުރުވެރިން ފުރުވަން ދާ މުވައްޒަފުންނަށް ރިސޯޓުން އަރައި ފޭބުމުގެ ހުއްދަ އޮންނާނެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން މިއަދު ހަވީރު 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ހުއްޓާލުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

މިކަމުގެ އިތުރު ތަފްސީލުތައް ހާމަކުރަމުން އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނުގައި ބުނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރުމަށް ރިސޯޓަށް ދެވިދާނެ ކަމަށާއި އެހެން ނަމަވެސް އެގޮތަށް ރިސޯޓުތަކަށް ދާ މުވައްޒަފުންވެސް ހިމެނޭގޮތަށް އެއްވެސް މުވައްޒަފަކަށް ރިސޯޓުން ފޭބުމުގެ ހުއްދައެއް ނެތް ކަމަށެވެ.

އަދި ފަތުރުވެރިން ފުރަން އެއަރޕޯޓްއަށް ގެންދަންޖެހޭ ހާލަތުގައި އެކަމަށް ދާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު، އަނބުރާ ރިސޯޓަށް އަންނަގޮތަށް، މުވައްޒަފުން ރިސޯޓުން ފޭބުމުގެ ހުއްދަ އޮންނާނެ ކަމަށާއި އެ ފަރާތްތައް ދަތުރުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރިސޯޓުތަކުން ބެލެހެޓުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިޒޯޓަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހިސާބަށް ދެވިދާނެކަމަށާއި، ނަމަވެސް މި ފަރާތްތައްވެސް ރިޒޯޓަށް އެތެރެވެފައިވާނަމަ، އެ ފަރާތްތައްވެސް އެ މުއްދަތުގެ ތެރޭގައި ރިޒޯޓުން ފޭބުމުގެ ހުއްދައެއް ނެތްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކަށް އަދި އެއްވެސް ފަތުރުވެރިއަކަށް އެ މުއްދަތުގެ ތެރޭގައި ނުދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!