ޚަބަރު

މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަނެއް ހަދަން ބިލެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިންތަކެއް / ފޮޓޯ:ރައީސް އޮފީސް

މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

Ads by STELCO

މި ބިލު މަޖިލިހަށް ހުށަހެޅުއްވި ކުރިން ވެސް މީގެ ބިލެއް ހުށަހަޅުއްވައި، ފާޑުކިއުން އަމާޒުވުމުން ބިލު އަނބުރާ ގެންދެވި، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.

އެ ބިލުގައި ބުނެފައި ވަނީ މިއީ ނޫސްވެރިިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި ބްރޯޑްކާސްޓިންވެސް ހިމެނޭގޮތަށް މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަށްޓަކައި ހުށަހެޅި ބިލެއް ކަމަށެވެ.

ބިލުގައި ބުނެފައިވާ ގޮތުން އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ.

އެ ކޮމިޝަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ދޮގު ހަބަރުތައް ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުމަށް ކަމާ ބެހޭ ފަރާތްތަކަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެންގުން ހިމެނެ އެވެ.

އަދި ދޮގު ހަބަރު ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފައްދާ ގައުމުގެ އާންމު މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަން ފާހަގަކުރެވިއްޖެނަމަ އެ މީހަކު ނުވަތަ ބަޔަކާ މެދު ފިޔަވަޅު އަޅަން އެ ކޮމިޝަނުން  ކަމާ ބެހޭ ފަރާތްތަކަށްއަންގަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރު މެމްބަރު ތިބޭނެ ކަމަށް ބިލުގައި ބުނެފައި އެވެ. އަދި ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބުނެފައި ވެއެވެ؛

ބިލުގައި ބުނެފައިވާ ގޮތުން ބިލު ގާނޫނަކަށް ވުމުން ރާއްޖޭގައި އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުކުރަންވާނީ ކޮމިޝަންގައި ރަޖިސްޓްރީކޮށްގެން ނެވެ. އަދި ރަޖިސްޓްރީނުކޮށް މަޖައްލާއެއް އަދި ނޫހެއް ވެސް ދެން ނުހިންގޭނެ އެވެ.

ބިލުގައި ބުނެފައިވާގޮތުން މީޑިއާގެ ވަސީލަތެއްގައި ޝާއިއުކުރި އެއްޗަކާ ގުޅިގެން ވަކި ފަރާތެއް ނުވަތަ ބައެއްގެ ހައްގަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ޝަކުވާ ހުށަހަޅައިފިނަމަ އެ މައްސަލަ ބެލުމުގެ ބާރު ކޮމިޝަންއަށް ލިބޭނެ އެވެ.

Ads by Allied Insurance