ޚަބަރު

ކުވައިތުގެ އަމީރުގެ މައްޗަށް ރާއްޖޭގައި ކުރެވޭ ކަށު ނަމާދު މިރޭ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލް އަޙްމަދު އަލް ޞަބާޙް އިއްޔެ އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ ރާއްޖޭގައި ވެސް ކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓްރީން ރޭ ކުރި ޕޯސްޓެއްގައި ބުނީ، ކުވައިތަކީ ރާއްޖެއާ ވަރަށް ގާތް، އަޚުވަންތަ ގުޅުމެއް އޮންނަ ޤައުމެއް ކަމަށެވެ. އެހެންކަމުން އެ ޤައުމުގެ އަމީރު އަވަހާރަވުމުން އެ މަނިކުފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު މާދަމާ ރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކުރާނެ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ވީހާ ވެސް ގިނަ ބަޔަކު ނަމާދުގައި ބައިވެރިވެލެއްވުމަށް  އެދިލައްވާފައެވެ.

އަމީރު ނަވާފްގެ ކަށު ނަމާދު ރާއްޖޭގައި ކުރަން ނިންމާފައި ވާއިރު، ދިވެހި ސަރުކާރުން ވަނީ، އަމީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވާފައެވެ.

ޝައިޚް ނަވާފް ކުވައިތުގެ އަމީރުކަމުގެ ހުވާ ކުރެއްވީ ކުރީގެ އަމީރު ޝައިޚް ޞަބާޙް އަލް އަޙްމަދު އަލް ޞަބާޙް 2020 ވަނަ އަހަރު އަވަހާރަ ވުމުންނެވެ. އެއަށްފަހު ޝައިޚް ނަވާފް ވަނީ ތިން އަހަރު ވެރިކަން ކުރައްވާފައެވެ. އަވަހާރަވީއިރު އެ މަނިކުފާނުގެ އުމުރުފުޅުން 86 އަހަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!