ޚަބަރު ސަރުކާރު

ހުކުރުކޮށް ޚުތުބާ ކިޔަން ބޭނުންވާ ދަރިވަރުން ހުއްދައަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ހުކުރުކޮށް ޚުތުބާ ކިޔަން ބޭނުންވާ ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުތުބާ ކިއުމުގެ ހުއްދައަށް ކުރިމަތުލުމަށް އެ މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓަރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުކުރުކޮށް ހުތުބާ ކިޔުމުގެ ހުއްދައަށް އެދި 10،11،12 ނިންމާފައިވާ ދަރިވަރުން ހުށަހަޅާނީ އިލެކްޓްރޯނިކް ފޯމް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން މިކަމަށް އެދި ހުށަހަޅާ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށާއި އެ ފޯމާއެކު ދަރިވަރުގެ އައިޑީކާޑު ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޤުރުއާން މުބާރާތުން ވަނަ ލިބިފައިވާނަމަ ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ސްކޫލްގައި އުޅޭނަމަ އެކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން 18 އަހަރު ނުވާނަމަ ބެލެނެވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދަރިވަރުން ހުކުރުކޮށް ޚުތުބާ ކިޔުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ މި ފުރުސަތު އެ މިނިސްޓްރީން ހުޅުވާލާފައި މިވަނީ އިމާމުންނާއި ޚަތީބުން ލިބުމުގެ ދަތިކަން ހައްލުކޮށް ޒުވާން އިމާމުންނާއި ޚަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!