ރިޕޯޓް

ކެޔޮނިރު: ސަރުކާރަށް މިކަން ކުރެވޭނެ ބާ؟ 

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރުން ޖެހެނީ ޖީ.އެސް.ޓީ ވެސް ސަސްޕެންޑް ކޮށް، އިންކަމް ޓެކްސް ނަގަން ފެށުން މަޑުޖައްސާލައި، ފިހާރަތއް އަވަހަށް ބަންދުކޮށް، އެމް.ޑަބްލި.ސީ ނުވަތަ ފެނަކަ މެދުވެރިކޮށް ރައްޔިތުންނަށް މިދުވަސް ކޮޅު ހިލޭ އިސްކުރު ފެން ލިބޭނެ ގޮތް ހަމަޖައްސައި، ޗައިނާގެ މެޑިކަލް އެހީ މިކަމުގައި ހޯދާށެވެ. މަޖުލިސްގެ ރައީސް މުހައްމަދު ނަޝީދު މިބަލީގެ ކާރިސާ އާދައިގެ ކަމަކަށް ހައްދަވަން ކުރައްވާ ސިޔާސީ މަސައްކަތުން ބަރީއަވެ، ރައްޔިތުނަނާއި ޤައުމު އިސްކޮށް، އިންޑިއާ ފަސްޓް ޕޮލިސީގެ ބަދަލުގައި މޯލްޑިވްސް ފަސްޓް ޕޮލިސީ އެއް އިސްކުރާށެވެ. ރައްޔިތުންނާއި ޤައުމަށް ޓަކައި ވެރިކަން ކޮށްދިނުމަކީ އެއީ އެވެ.

Ads by MWSC

އެނގޭ ހެއްޔެވެ؟ ކޮރޯނާވައިރަހުން ޖެހޭ ބަލި ކޮވިޑް19 އިން ރަނގަޅުވި ނަމަވެސް ބައެއް މީހުންނަށް މުޅި އުމުރަށް އުޅެން ޖެހޭނީ ފުއްޕާވޭ ހަލާކުވެ،ނޭވާ ކުރުވެ، ފުއްޕާމޭގެ އެކި މައްސަލަތަކަށް ފަރުވާ ހޯދުމުގައެވެ. މިކަން ހާމަކޮށްފައިވަނީ ހޮންގް ކޮންގް ގެ ހޮސްޕިޓަލް އޮތޯރިޓީ އިން ކުރި ދިރާސާ އަކަށް ފަހު އެ އޮތޯރިޓީ އިން ނެވެ. ހޮންގް ކޮންގް ގެ އިންފެކްޝަސް ޑިޒީޒް ސެންޓަރުގެ މެޑިކަލް ޑިރެކްޓަރ އޮވެން ސާންގް ތަކް-ޔިން ވިދާޅުވި ގޮތުގައި ކޮވިޑް19 ޖެހިގެން ރަގަޅުވާ މީހުންގެ ފުއްޕާމޭ ދާއިމަށް 30 ޕަރސެންޓް އެއްކޮށް ހަލާކުވެއެވެ. މިއީ އާދައިގެ ބައްޔެއް ނޫނެވެ.

ދިވެހި ރާއްޖެއަށް ބަލާއިރު ވަރަށް ގިނަ ރިސޯރޓްތަކެއް މިހާރުވަނީ ކަރަންޓީނު ކުރެވިފައެވެ. އެންމެން ދަންނަ ބަނޑޮސް ރިސޯރޓްވެސް މިވަގުތު ވަނީ ބައްޔަށް ޝައްކު ކުރެވިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން ލިސްޓުގައި ހިމަނާފައެވެ. ގެސްޓް ހައުސް ހިންގާ މަޝްހޫރު ތޮއްޑޫ އިންވަނީ މާރޗް މަހުގެ ނިޔަލަށް ހުރިހާ ގެސްޓް ހައުސްތައް ވަގުތީ ގޮތުން ބަނދު ކުރަން ނިންމާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދުވަހަކުވެސް ކުރިމަތި ނުވާ ވަރުގެ ބޮޑު އިގްތިސޯދީ ކާރިސާއެއް ވަނީ ބޯމަތިވެފައެވެ.

ވައިރަސްއާއި ގުޅިގެން ހާއްސަ ބަޖެޓެއް ރާއްޖޭގައި އެކުލަވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު މިވަގުތު ޤައުމީ މި މަސައްކަތުގައި ކުރާ ޙަރަދުތައް ސަރުކާރުން ކުރަމުންދަނީ ހާއްސަ ކޮންޓިންޖެސީ ބަޖެޓް ކޯޑެއްގެ ދަށުންނެވެ. މިބައްޔާ ގުޅިގެން ސަރުކާރުން އެކުލަވާލާ ސަޕްލިމެންޓަރީ ބަޖެޓުގައި ކަނޑައަޅާނެ އަދަދެއް އަދި ސަރުކާރުން ނުނިންމައެވެ. ސަޕްލިމެންޓަރީ ބަޖެޓު ހަމަޖެހުމުން އެ ބަޖެޓުންނާއި، އަދި މިހާރު ހަރަދު ކުރަމުންދާ ކޮންޓިންޖެންސީ ބަޖެޓުގެ ދަށުން ކުރެވޭ ޚަރަދުތައް ކޮރަޕްޝަން ނުހިމެނޭ ގޮތަށް، ދެފުށް ފެންނަ ގޮތަށް ކޮމްޕެޓިޓިވް ބިޑިންގެ ދަށުން ކުރުން ވަރަށް މުހިއްމެވެ. ޤައުމުގެ އިގްތިސޯދީ ދުވެލި ކުރިން ލަފާ ކުރިވަރަށް ކުރިނާރާނެ ކަމަށާއި ފަހަރުގައި ދުވެލި ދާނީ ނެގެޓިވް އަދަދަކުން ދަށަށް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޤައުމާ މުހާތަބް ކުރައްވައި ދެއްކެވި ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

މި ވައިރަސްއާ ގުޅިގެން ދުނިޔޭގެ ބައެއް ޤައުމުތަކުން ފާސްކުރި ސަޕްލިމެންޓަރީ ބަޖެޓުތަކުގައި ރައްޔިތުންނަށާއި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ހިމަނާފައި ވެއެވެ. އޭގެތެރޭގައި މުސާރައާއެކު ޗުއްޓީ ދިނުމާއި، ކަރަންޓު ބިލް ވަކި މުއްދަތަކަށް ހިލޭކޮށް ދިނުމާއި ބައެއް ޓެކްސްތައް ވަގުތީ ގޮތުން ކަނޑާލުން ހިމެނެއެވެ.

އެގޮތުން ރާއްޖޭގައި ދައުލަތުން ނަގާ ޖީ.އެސް.ޓީ ޓެކްސް ވަގުތީގޮތުން ސަސްޕެންޑް ކުރުމަށާއި އިންކަމްޓެކްސް ނަގަން ފެށުން މަޑު ޖައްސާލުމަށް ބައެއް ފަރާތްތަކުން ގޮވާލާ ގޮވާލުމަށް މިހާތަނަށް ސަރުކާރުން މާބޮޑު އަޅާލުމެއް ދީފައި ނުވާކަން ފާހަގަ ކުރެވެއެވެ. ބަލިކަށިވަމުންދާ އިގްތިސޯދަށް ހާއްސަ ސްޓިމިއުލަސް އެއްގެ ގޮތުން ޓެކްސް ބްރޭކް ދިނުމާއި ބައެއް ހިދުމަތްތައް ހިލޭކުރުމަކީ ދުނިޔޭގެ ޤައުމުތަކުން ކުރާ ކަމެކެވެ. ރާއްޖޭގައި، ކޮވިޑް19 އާ ގުޅިގެން، މިފަދަ އެއްވެސް ލުޔެއް މިހާތަނަށް އަދި ރައްޔިތުންނަށާއި ވިޔަފާރިތަކަކަށް ނުދެއެވެ.

ކުރިއަށް އޮތް ރޯދަ މަހު މުދާ ވިއްކާ ފިހާރަ ތަކާއި ކާބޯތަކެތި ވިއްކާ ތަންތަން ހުޅުވާފަ ހުންނާނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީ އިން މި ހޮނިހިރު ދުވަހު އިއުލާން ކުރި އިރު މުދާ ވިއްކާ ތަންތަން މެންދަމު 12 ޖަހަންދެން، އަދި ކާބޯތަކެތި ވިއްކާ ތަންތަން ފަތިހު 3.00 ޖަހަންދެން ހުޅުވާފަ ބެހެއްޓޭނެކަމަށް ކަނޑައެޅި އެޅުމަކީ ފުނޑެމުންދާ އިގްތިސޯދާ މެދު ރަގަޅަށް ނުވިސްނައި ކުރި އިއުލާނެއް ކަމަށް ބެލެވެއެވެ. މިވަގުތަކީ ދައުލަތާއި އާއްމުންވެސް އިގްތިސޯދު ކުރަން ޖެހޭ ވަގުތަކަށް ވާއިރު ކަރަންޓު ހަރަދު ކުޑަ ކުރުމަށާއި އެނޫން ގޮތްގޮތުން އިގްތިސޯދު ކުރުމަށް ޓަކައި މުދާ ވިއްކާ ފިހާރަތައް ރޭގަނޑު 9 އަކުން ބަންދު ކޮށް، ކާބޯތަކެތި ވިއްކާ ތަންތަން ރޭގަނޑު 11 އިން ބަންދު ކުރަން ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން މިސްރާބު ހުރީ މިފަދަ ގޮތަކަށް އިގްތިސޯދު ކުރުމަކަށް ނޫެނެވެ.

ސްކޫލްތައް ބަންދު ކުރީ މާރޗް 21 އާއި ހަމައަށެވެ. ލޯކަލް ކައުންސިލް އިންތިހާބް ފަސް ކުރީ އެންމެ ދެހަފްތާއަށް، އޭޕްރިލް 18 އާ ހަމައަށެވެ. މިއާ ހިލާފަށް، މިސާލަކަށް އިގިރޭސި ވިލާތުގެ ލޯކަލް ކައުސިލް އިންތިހާބް ވަނީ ކޮވިޑް19 އާއި ގުޅިގެން އެއް އަހަރަށް ލަސްކޮށްފައިކަން ފާހަގަ ކޮށްލަންޖެހެއެވެ. އިގިރޭސި ސަރުކާރުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އަހަރު މޭމަހު ބޭއްވުމަށް ތާވަލް ކޮށްފައި އޮތް ކައުންސިލް އިންތިހާބް ދެން ބާއްވާނީ 2021 ވަނަ އަހަރު މޭމަހުއެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރިއަސް، މިފަދަ މުހިއްމު ބޮޑެތި ޑިސިޝަންތައް ނެގުމުގައި ފަހަތު ފަޔަށް ބުރަވާތަން އެބަ ފެނެއެވެ. ފިހާރަތައް އަވަހަށް ބަންދު ކުރާކަށް ނުކެރެއެވެ. ޓެކްސް ގެ ލުއެއް ދޭކަށް ނުކެރެއެވެ. އިޓަލީއިން ޓޫރިސްޓުން އައުންވެސް އަވަހަށް ހުއްޓުވިނަމަ މިހިސާބަށް ނައިސް ސަލާމަތް ވެވުނީސް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެހެން ކަމުން ދުރާލައި ފިޔަވަޅު އަޅަން ކެރެން ޖެހެއެވެ.

މިވަގުތަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ބިދޭސީ 9 މީހުން ކަމުގައި ވިއަސް، އެހެން ޤައުމުތަކުގައި މި ބަލި ފެތުރުނު ގޮތުގެ ޗާޓުތަކަށް ބަލާއިރު ރާއްޖޭގައިވެސް ކުއްލިއަަކަށް ބަލި ޖެހިފައިވާ މީހުން އެތައް ގުނައަކަށް އިތުރުވެ، އޭގެ ތެރޭގައި ދިވެހީން ވެސް ހިމެނުމަކީ ވަރަށް ކައިރީގައި އޮތް ކަމެކެވެ. އެފަދަ ހާލަތެއްގައި އެއްފަހަރާ އެތައް ސަތޭކަ ބަޔަކަށް މިބަލި ޖެހިއްޖެ ނަމަ ރަގަޅު ފަރުވާ ދިނުމުގެ ވަސީލަތާއި ޤާބިލުކަން ރާއްޖޭގައި ނެތެވެ. މި ބަލީގެ ވަބާއާއި ކުރިމަތި ލުމުގައި މިހާތަނަށް ކާމިޔާބު ހޯދާފައިވާ ޗައިނާއިން ރާއްޖެއަށް އެހީ ވުމަށް ހުށަހަޅާފައިވާކަން އިތުބާރު ހުރިފަރާތަކުން މިކޮލަމަށް މައުލޫމާތު ލިބިފައިވެއެވެ. ޗައިނާގެ ހުށަހެޅުމަށް ދިވެހި ސަރުކާރުން ނޫނެކޭ ނުބުންޏަސް މިހާތަނަށް އާއެކޭ ވެސް ބުނެފައެއް ނެތެވެ. އޭގެ ބަދަލުގައި އިންޑިއާގެ މިލިޓަރީ ހޮސްޕިޓަލެއްގެ ޓީމެއް ރާއްޖެ ވަނީ ގެނެސްފައެވެ. މިއީ އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން ރާއްޖެއިން އެޅި ދޯދިޔާ ފިޔަވަޅެއް ކަން ޔަޤީނެވެ. ޗައިނާފަދަ މިބަލީގެ ތަޖުރިބާ ހުރި ޤައުމަކުން އެހީ ހުށަހަޅާފައި ވަނިކޮށް އެހެން ޤައުމަކުން މެޑިކަލް ޓީމެއް ގެނައުމަކީ ރައްޔިތުންނާއި ޤައުމުގެ ހާލަތަަށް ވުރެ ބޮޑަށް ސަރުކާރުގެ އިންޑިއާ ފަސްޓް ޕޮލިސީއަށް އިސްކަން ދިނުމެވެ.

ސަރުކާރުން ޖެހެނީ ޖީ.އެސް.ޓީ ވެސް ސަސްޕެންޑް ކޮށް، އިންކަމް ޓެކްސް ނަގަން ފެށުން މަޑުޖައްސާލައި، ފިހާރަތައް އަވަހަށް ބަންދުކޮށް، އެމް.ޑަބްލި.ސީ ނުވަތަ ފެނަކަ މެދުވެރިކޮށް ރައްޔިތުންނަށް މިދުވަސް ކޮޅު ހިލޭ އިސްކުރު ފެން ލިބޭނެ ގޮތް ހަމަޖައްސައި، ޗައިނާގެ މެޑިކަލް އެހީ މިކަމުގައި ހޯދާށެވެ. މަޖުލިސްގެ ރައީސް މުހައްމަދު ނަޝީދު މިބަލީގެ ކާރިސާ އާދައިގެ ކަމަކަށް ހައްދަވަން ކުރައްވާ ސިޔާސީ މަސައްކަތުން ބަރީއަވެ، ރައްޔިތުންނަށާއި ޤައުމު އިސްކޮށް، އިންޑިއާ ފަސްޓް ޕޮލިސީގެ ބަދަލުގައި މޯލްޑިވްސް ފަސްޓް ޕޮލިސީ އެއް އިސްކުރާށެވެ. ރައްޔިތުންނާއި ޤައުމަށް ޓަކައި ވެރިކަން ކޮށްދިނުމަކީ އެއީ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!