ޚަބަރު

މުއްދަތެއް ނެތް ގޮތަށް އިންތިޚާބު ފަސްކުރުމުގެ ކޯޓް އަމުރަކަށް އެދިއްޖެ

މުއްދަތެއް ނެތް ގޮތަށް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ހައިކޯޓުގައި އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ބާއްވަމުންދާ ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ހައިކޯޓުގައި އެދިފައިވާނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެއްޖެކަމަށް އެޗްޕީއޭއިން ކަނޑައަޅުމަށްފަހު ދެން ވޯޓުލުން ކުރިއަށްގެންދާނެ ތާރީޚެއްގައި ކަނޑައެޅުމުގެ ލަފައަކަށްކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެއްސި އިންތިޚާބުތަކުގެ ވޯޓުލުން އޭޕްރީލް 18 އަށް ލަސްކުރުމަށް ނިންމިކަން އިއުލާންކޮށްފައެވެ.

ޝަރީފު ވިދާޅުވީ ކޮވިޑް-19 އާގުޅިގެން ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާ ހޯދުމަށްފަހު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރުމަށް ކޮމިޝަނުގެ މެންބަރުން ނިންމާފައިވާކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ ފަރާތުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ މުއްދަތުން ފެށިގެން ދެން ލިބޭ ހަ ދުވަހުގެ މުއްދަތުގައި އެކަށީގެންވާ މުއްދަތެއް ކެމްޕެއިން ކުރުމަށް ނުލިބޭތީއާ، އީސީންވެސް ކުރަންޖެހޭ ބައެއްކަންކަމަށް އެދުވަސްތައް މަދުވުމުންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި 18 އަހަރުވާ މީހުންގެ ލިސްޓު އެކުލަވާލަން ޖެހެނީވެސް މި މުއްދަތުގެ ތެރޭގައިކަމާއި އަދި މީހުން ތަމްރީނުކުރަންޖެހޭނީވެސް މިމުއްދަތުގައިކަމަށްވުމުން މިއޮތް ހާލަތުގައި އެކަންކަން ނުކުރެވޭނެކަމަށް ޝަރީފު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!