ޚަބަރު

ޖަލުތަކުގައި ހިނގި ހަމަނުޖެހުން ހިންގައި، އޮފިސަރުންނަށް އިންޒާރު ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ގައިދީންނާއި ޖަލު އޮފިސަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މާފުށީ ޖަލާއި މާލޭ ޖަލުގައި ހިންގަމުން ގެންދާ ކަންކަމަށް އެއްބާރުލުން ނުދީ، ޖަލު އޮފިސަރުންނާއި ކުރިމަތިލުންތަކެއް ހިންގައިފިއެވެ.

Ads by Sosun Fihaara

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ކަރެކްޝަންސް އިން ވަނީ ޖަލުތަކުގައި ތިބޭ ގައިދީންނާއި އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ގިނަ ފިޔަވަޅުތައް އެ ސާވިސް އަޅާފައިވަނީ ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ގައިިދީންގެ އާއިލީ ބައްދަލުވުންތައް މެދުކަނޑާލާ ހުރިހާ ޖަލު ޔުނިޓުތަކެއްގެ ފާހާނާތަކާއި ކޮރިޑޯތައް ސާފުކޮށް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.އެކަމާއި ގުޅިގެން މާފުށީ ޖަލުގައި ސީރިއަސް ކުށްތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ބައެއް ފަރާތްތައް ޖަލު އޮފިސަރުންގެ ވާޖިބުތަކަށް ހުރަސް އަޅާ ސާފު ކުރުމަށް އެއްބާރުލުން ނުދީ ކުރިމަތިލާން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ކަރެކްޝަނުން ބުނީ އެކަމުގެ ސަބަބުން ހަތަރު ބަންދު މީހަކާއި ފަސް އޮފިސަރަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކަށް ސިއްހީ ފަރުވާ ދީފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.

މީގެއިތުރުން ކަރެކްޝަނުން ބުނީ ރޭ މާލޭ ޖަލުގައި ހަމަނުޖެހުމެއް ހިންގުމުން ކަރެކްޝަނުން އެކަންތައް ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ. އަދި އެ ހާދިސާގައި ފަސް ބަންދު މީހަކަށާއި ފަސް އޮފިސަރަކަށް އެކިވަރުގެ ކުދި އަނިޔާތައް ލިބިފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ. އަދި އަނިޔާ ލިބުނު ބަންދު މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ވެސް ފޯރު ކޮށްދީފައިވާނެ ކަމަށާއި މިވަގުތު ޖަލުތަކުގެ ހާލަތު އާއްމު ހާލަތަކަށް ގެނެވިފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަނުން ބުނީ ހަމަނުޖެހުންތައް ހިންގި މީހުންނަށް ގާނޫނީ ފިޔަވަޅުތައް އަޅާ އެފަރާތްތަކުގެ އާއިލާތަކަށް އެކަން ހިއްސާ ކޮށްފައިވާ ކަމަށެވެ.
މި ހާދިސާއަށް ފަހު އެ ސާވިސްގެ އެކި އޮފިސަރުންނަށް ދަނީ ތަފާތު އެކި އިންޒާރުތައް ލިބެމުންދާ ކަމަށާއި އެގޮތުން ރޭގެ ވަގުތެއްގައި އެ ސާވިސްގެ އޮފިސަރަކަށް މަރުތޭލަކުން ހަމަލާދީފައިވާ ކަމަށެވެ.

"މީގެއިތުރުން ބައެއް އުޅަނދުތަކުގެ ބިއްލޫރިގަނޑު ތަޅާލާ ބައެއް އިމާރާތްތަކަށް ވެސް ވަނީ ގެއްލުންތައް ދީފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވާނީ ހުށަހަޅާފައެވެ،" ކަރެކްޝަންސް ބަޔާނުގައި ބުންޏެވެ.

ކަރެކްޝަނުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ޖަލުތަކުގެ ހާލަތާއި ގުޅޭ ގޮތުން ދޮގު ވާހަތަކައް ފަތުރަމުން އަންނަ ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ބަންދު މީހުންނާއި ގައިދީންނާއި އަދި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި މަސައްކަތަށް ބުރޫ އަރާ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!