ޚަބަރު

ކޮވިޑް-19: 10 މިލިއަން ޑޮލަރާއެކު ސާކު ގައުމުތައް ހިމެނޭ އެމަޖެންސީ ފަންޑެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން 10 މިލިއަން ޑޮލަރާއެކު ސާކު ގައުމުތައް ހިމެނޭ އެމެޖެންސީ ފަންޑެއް ހުޅުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުށަހަޅުއްވައިފިއެވެ.

Ads by STELCO

ބޮޑުވަޒީރު މޯދީ އެގޮތަށް ހުށަހެޅުއްވީ، އެމަނިކުފާނުގެ އިސް ނެންގެވުމަކަށް ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި މިއަދު ބޭއްވި ޓެލެކޮންފަރެންސްގެ ތެރެއިން އެވެ.

އެގޮތުން މޯދީ ވަނީ އެ ފަންޑު އެކުލަވާލުވުމުގެ ގޮތުން އިންޑިއާ އިން 10 މިލިއަން ޑޮލަރު ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މި ބަލިން ރައްކާތެރިވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ޓީމެއް ވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ފަރާތްތަކުގެ އެހީއަށް ގައުމުތަކުން އިޝާރާތްކޮށްލުމުން އެކަންވެސް ކޮށްދެއްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

މި ބައްޔާއި ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާއިރު ހާލަތު ބަދަލުވާނެ ގޮތެއް ނޭނގޭ ކަމަށާއި އެހެންކަމުން މިއީ އެންމެން ގުޅިގެން މަސައްކަތްކޮށް އެންމެންގެ ހިޔާލުވެސް މިކަމާ ގުޅޭގޮތުން ހިއްސާކުރަންވީ ވަގުތު ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސަރަހައްދީ ފެންވަރެއްގައި މި ބައްޔާއި ދެކޮޅަށް މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި މި ބައްޔާއި ދެކޮޅަށް އެންމެ ގައުމަކަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމަށް ރައީސް ވަނީ ތާއީދު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވަނީ ގައުމުތަކުގެ ސިއްހީ ވަޒީރުންނާއި، ސިއްހީ ކަމާބެހޭ ފަރާތްތަކުގެ މެދުގައި ވެސް މިފަދަ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅުއްވާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!