ޚަބަރު

ސަފާރީން އެއްވެސް ފަތުރުވެރިޔަކު ނުފައިބާ، ފޭބީ މުވައްޒަފުންތަކެއް: ފުވައްމުލަކު ކައުންސިލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އަށް ފައްސިވި ދެ އައިލެންޑް ސަފާރީއިން ފުވައްމުލައް ސިޓީއަށް އެއްވެސް ޓޫރިސްޓަކު ފައިބާފައިނުވާ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފި އެވެ.

Ads by Sosun Fihaara

އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19އަށް ދެ ބިދޭސީން ޕޮޒިޓިވް ވެފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ. އެ ސަފާރީއިން ޓޫރިސްޓުން ފުވައްމުލައް ސިޓީއަށް ފޭބި ކަމަށް ބުނެ އަޑުތަކެއް އޮތީ ފެތުރިފަ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ސަފާރީ ފުވައްމުލަކުގައި މި މަހުގެ 11 ވަނަ ދުވަހު ބަނދަރުކޮށް 12 ވަނަ ދުވަހު ފުރާފައިވާ ކަމަށެވެ. އެ މުއްދަތުގައި ފުވައްމުލަކަށް ފޭބީ އެ ސަފާރީގެ މުވައްޒަފުންތަކެއް ކަމަށާއި ޓޫރިސްޓަކު ނުފައިބާ ކަމަށެވެ. ސަފާރީއިން ފޭބި މުވައްޒަފުންނާ ކޮންޓެކްޓްވި ފަރާތެއްވާނަމަ އެކަން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ގުޅައި އެންގުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

އޭގެފަހުން އިއްޔެ އެ ސަފާރީ އަނެއްކާވެސް ފުވައްމުލަކަށް ބަނދަރުކުރި އެވެ. އޭރު ކޮވިޑް-19ގެ އަލާމާތްތައް އެ ދެ މީހުންގެ ފަރާތުން ފެނިގެން އެކަން ވަނީ ރިޕޯޓްކޮށްފަ އެވެ. ފުވައްމުލަކަށް އިއްޔެ ސަފާރީ ބަނދަރުކުރީ ކަރަންޓީނު ކުރުމުގެ ގޮތުންނެވެ.

ކައުންސިލްގެ ބަޔާނުގައި ބުނީ އިއްޔެ އެ ސަފާރީއަށް ފުވައްމުލައް ސިޓީ ހޮސްޕިޓަލްގެ ޓީމް ފިޔަވައި އިތުރު ބަޔަކު އަރާ ފައިބާފައިނުވާ ކަމަށެވެ. ހޮސްޕިޓަލްގެ ޓީމުން ސަފާރީއަށް އެރީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!