މިހާރުން މިހާރަށް ރާއްޖެ ލޮކްޑައުން ކުރުމަށް އަދުރޭ ގޮވާލައްވައިފި
ކޮވިޑް-19ގެ ނުރައްކާ އިތުރަށް ބޮޑު ނުވަނީސް ސިއްހީ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ރާއްޖެ ލޮކްޑައުން ކުރުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސަރުކާރަށް ގޮވާލައްވައިފިއެވެ.
ކޮވިޑް-19 މިހާރު އެންމެ ބާރަށް ފެތުރެމުންދާ ގައުމުތައް މިސާލަކަށް ބަލައިގެން، ވަގުތުފާއިތު ނުވަނީސް، ރާއްޖެ ވެސް ލޮކްޑައުން ކުރަން ބައެއް ޑޮކްޓަރުން ސަރުކާރަށް ދަނީ ގޮވާލަމުންނެވެ.
މިވާހަކަތާ ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަމުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލާކަށެވެ.
Coronavirus ge nurahkaatheri kamun dhivehi rayyithun salaamaiy kurumahtakai Dr innai sih’hy dhaairaage thajribaa kaarun ge lafayaa ehgothah amalu kurumah sarukaarah govaalan.mi gothun mihaarun mihaarah raajje lockdown kurumakee konmehen kuran jehey kameh #COVID19
— Abdul Raheem Abdulla (@Banafsaa) March 16, 2020
"މިގޮތުން މިހާރުން މިހާރަށް ރާއްޖެ ލޮކްޑައުން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް." އަދުރޭ ވިދާޅުވިއެވެ.
ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވެފައިވާ ގޮތުގައި، ދުނިޔޭގެ ގިނަ ގައުމުތަކުން ލޮކްޑައުނަށް ނުގޮސް މަޑުކުރީ ބޭރުން އައި މީހެއްގެ ގައިން އެހެން މީހުނަށް ބަލިފެތުރިއްޖެކަން ކަށަވަރުވަންދެކަށް ކަމަށެވެ. ނަމަވެސް މިހާރު އެ ގައުމުތަކުން އޭގެ ދެ ތިން ހަފްތާ ކުރީން ލޮކްޑައުން ކުރެވުނު ނަމައޭ ހިތަށް އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާފްގެ ވާހަކަފުޅަށް ތާއީދުކުރައްވަމުން އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވެސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކުރި ނަމަވެސް، ރާއްޖެ ލޮކްޑައުން ކުރަންޖެހޭ ކަމަށެވެ.