ޚަބަރު

މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަ ކުރަން ތާއީދު: ޣައްސާން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ތާއީދު ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދު ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޣައްސާން މިހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މަޖިލިސް މެންބަރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހެޅުމާ ގުޅިގެންނެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ފައިދާހުރި، ދިވެހި ރައްޔިތުންގެ މަސްލަހަތު އިސްކުރެވޭ ކޮންމެ ކަމެއްގައި އުފަލާއެކުއް ބާރުލުން ދޭނެ ކަމަށެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކޮށް ދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ފަރާތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެދުވެރިކޮށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހުގެ މެމްބަރުންގެ މުސާރަ އިން 20 ޕަސެންޓު އުނިކުރަން ހުށަހަޅާފައިވާއިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހުގެ ހަރަދުތަކުން 19 މިލިއަން ރުފިޔާ ކުޑަކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!