ރައީސް ޔާމީން މާދަމާ ފުލުހަށް ހާޒިރުކުރަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ފުލުހަށް ހާޒިރުކުރަން ނިންމައިފިއެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވީ ޔާމީން ފުލުހަށް ހާޒިރުކުރުމަށް ނިންމާފައިވަނީ މާދަމާ މެންދުރު 1:30 ގައި ކަމަށެވެ.
ޔާމީން ފުލުހަށް ހާޒިރުވާން އެންގުމުން ޖަމީލު ވަނީ ގިނަ ސުވާލުތަކެއް ކަމާބެހޭ ފަރާތްތަކަށް ކުރިމަތިކުރުވާފައެވެ.
އެގޮތުން ރައްޔިތުން ކޮވިޑް-19 އިން ރައްކާތެރިވާން އަންގާފައިވާއިރު، މިއީ ކިހާ ވަރެއްގެ ރައްކާތެރިކަމާ އެކު ކުރާ ކަމެއްތޯ އާއި ޑޮކްޓަރުން ރާއްޖެ ލޮކްޑައުންކުރަން ގޮވާލަމުންދާއިރު، މިއީ ކިހާ ޒިންމާދާރުކަމެއްތޯ ޖަމީލު ސުވާލުކުރެއްވިއެވެ.
"ރައީސް ޔާމީނަކީ ކަސްޓަޑީގައި ހުންނެވި ބޭފުޅަކަށްވާއިރު، ކޮންމެ ވަގުތެއްގައިވެސް ސުވާލުކުރެވިދާނެ. އެހެންވީއިރު، ކޮން ކަމެއްތޯ މިހާ ބޮޑަށް ކުއްލިއަކަށް ހާސިލްކުރަންޖެހިގެން މި އުޅެނީ؟ މިކަމުގެ ސިއްރަކީ ކޮބާތޯ" ޖަމީލު ވިދާޅުވިއެވެ.
ފުލުހުން ވަނީ މީގެކުރިން ވެސް ޔާމީން ދެ ފަހަރެއްގެ އެ އިދާރާ އަށް ހާޒިރުކޮށްފައެވެ. އެގޮތުންް އެ ފަހަރު ހާޒިރުކޮށްފައިވަނީ ޔާމީން 1.4 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި ކުރަމުންދާ ތަހުގީގަށެވެ.