ކޮވިޑް-19: ޓްރެވެލް ކްލިނިކަށް ދިޔަ މީހަކު ޝައްކުކުރެވިގެން ޓެސްޓު ކުރަނީ
މާލޭގައި ހުޅުވާފައި ހުރި ޓްރެވަލް ކްލިނިކަށް ދިޔަ މީހެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އޭނާ ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އެ މީހާއަކީ ސޮލެވޭކިއާއިން ރާއްޖެ އައި މީހެއް ކަމަށާއި އޭނާ ފްލޫ ކްލިނިކަށް ދިޔައިރު ކޮވިޑް-19ގެ އަލާމާތްތައް ހުރުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.
ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.