ޚަބަރު

އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމަންޖެހޭނީ މަޖިލިހުން: ނަޝީދު

ދެން އެމްވީ

އިންތިޚާބު ފަސްކުރުމާމެދު ގޮތެއް ނިންމުމަކީ ރައްޔިތުން މަޖިލިހުގެ ޒިންމާއެއް ކަމުގައާއި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތް ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް 18 އަށް އިންތިހާބު ވަނީ ފަސްކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން ރާއްޖޭގައި ސިއްހީ ހާލަތު އިއުލާން ކުރުމާ ގުޅިގެން އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަ ލޯކަލް ކައުންސިލް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މި މައްސަލަ އަނބުރާ ގެނެސް، މިހާރު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

މިއަދު ރައްޔިތުން މަޖިލިހުގައި ހުޅުމާލެ ދާއިރާ މެންބަރު ޢަލީ ނިޔާޒު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަށް އިންތިޚާބު ފަސްކުރުމާއި އިންތިޚާބުތައް ބާޠިލުކުރުމުގެ ބާރު ލިބިފައިވާ ކަމުގައި ރައްޔިތުން މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއާއި ޖޭއެސްސީއިން އެކުލަވައިލި ރިޕޯޓުތަކުން ނުފެންނަ ކަމަށެވެ.

އަދި އޭގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އިންތިޚާބު ފަސްކުރަން ޖެހިއްޖެނަމަ، އެކަމުގައި ފަރުވާއެއް ހޯދައިދޭން އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމުގައެވެ.

"އިންތިޚާބު ލަސްކުރާނަމަ، ލަސްކުރުމުން ނުކުންނާނެ ނަތީޖާއާއި އިންތިޚާބު ފަސްކުރާނަމަ، ފަސްކުރާނީ ކިހާ މުއްދަތަކަށްތޯވެސް މަޖިލިހުގެ މެންބަރުން ވިސްނަވަންޖެހޭނެ. އަދި ރޯގާ ބަލިމަޑުކަމަކުން އަރައިގަނެވިގެން އިންތިޚާބު ބާއްވަން ނިންމާނަމަ، ބަލިމަޑުކަމުން އަރައިގަނެެވޭނީ ކޮން މުއްދަތަކުންކަން ވެސް ސާފުވާން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިންތިހާބު ފަސްކުރާނަމަ، ބަލިމަޑުކަމުން އަރައިގަނެވޭނެ މުއްދަތު ދެނެގަތުމަށް އެޕިޑޮމޮލޮޖިކަލް ސާވޭތަކަށް ބަލަންޖެހޭ ކަމަށެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމުގައި ތިން ހަތަރު މަސްދުވަސް ހޭދަވެދާނެ ކަމުގައި އެސާވޭތަކުން ފެންނަ ކަމަށާއި އެހެންކަމުން އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ނިންމެވުމުގައި މަޖިލިސް މެމްބަރުން ވިސްނެވުން ބެހެއްޓުން މުހިއްމު ކަމުގައި ނަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!