ކޮވިޑް19: މަތިވެރި ލޮކްޑައުން ކޮށްފި
ޜޭ 8:45 އިން ފެށިގެން އއ.މަތިވެރި ލޮކްޑައުންކޮށްފިއެވެ.
މަތިވެރި ކައުންސިލްގެ ފޭސްބުކް ޕޭޖުުގައި ރޭ އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޮރޯނާއަށް ޝައްކު ކުރެވޭ ދެ ބިދޭސީއަކު އެރަށުން ފެނިފައިވާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރެއިން ފެށިގެން ރަށް ބަންދު ކޮށްފައިވާ ކަމަށެވެ.
"މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އަށް ޝައްކު ކުރެވޭ އިތުރު 2 ބިދޭސީން މިއަދު މިރަށުން ރިޕޯޓް ކުރުމާ ގުޅިގެން 14 ދުވަސް ވަންދެން އެކަހެރި ކުރެވިފައިވާކަމުގައި ދަންނަވަމެވެ. މި 2 ބިދޭސީންގެ ސާމްޕަލްނަގައި މިރޭގެ ވަގުތެއްގައި ޓެސްޓުކުރުމަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރިޔަށްދާތީ މިރޭގެ 20:45 އިން ފެށިގެން މުޅި ރަށް ލޮކްޑައުން ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ. އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަކި އެއްޗެއް އަންގަންދެން ރަށަށް މީހުން އަރާ ފެބުމަކީ މަނާ ކަމެއްކަމުގައި ދަންނަވަމެވެ." ރޭ މަތިވެރި ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.
ކޮރޯނާއަށް ޝައްކު ކުރެވޭ ދެ ބިދޭސީއަކު މަތިވެރިން ފެނި އެރަށް ބަންދުކުރިއިރު މިހާރުގެ ހާލަތަށް ބަލާ މުޅި ރާއްޖެ ވެސް ލޮކްޑައުން އަކަށް ގެންދިޔުމަށް ޑޮކްޓަރުންނާއި ދީނީ އިލްމްވެރިންގެ އިތުރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ގޮވާލަމުންނެވެ.