ކޮވިޑް-19: ރާއްޖޭގެ ގެސްޓު ހައުސްތަކަށް ފަތުރުވެރިން ގެނައުން މަނާ ކޮށްފި
ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން ސަރުކާރުން މަނާކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަ ޢަލީ ވަހީދު ވިދާޅުވީ މި ނިންމުމުގެ ދަށުން މިއަދު އިރުއޮއްސި 6:00 އިން ފެށިގެން 14 ދުވަހަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭގޮތައް ނިންމާފައިވާކަމަށެވެ.
އެހެންނަމަވެސް މީގެ ކުރިން ބުކިން ހައްދާފައިވާ ފަރާތްތަކަށް ރާއްޖެއިން ފުރެންދެން ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކުގައި ތިބެވޭނެކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
"އެޗްޕީއޭއިން ހާމަކުރައްވާފައިވާފަދައިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ސިޓީ ހޮޓާ އަދި ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭގޮތައް މި ނިންމީ. މިއަދު އިރުއޮއްސި 6:00 އިން ފެށިގެން 14 ދުވަހަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ދެން ނުވެވޭނެ" ޢަލީ ވަޙީދު ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ މިވަގުތު އިސްކަން ދެނީ އިޤްތިޞާދީ ގެއްލުމަށްވުރެ ބޮޑަށް ސިއްޙީގޮތުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށެވެ.