ބުޅާ ފެސިލިޓީއަށް ސާމާނު ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލެ ފޭސް ދޭއް ގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ބުޅާ ފެސިލިޓީ އަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި މެޓީރިއަލްސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ، އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުން 16 އެޕްރީލް ވާ އަންގާރަ ދުވަހުގެ 11:00 ގައި ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންގެ މީޓިން ރޫމްގައި އޮންނާނެ ކަމަށެވެ.
މައުލޫމާތު ސާފުކުރަންދާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުމަށް ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އަދި މަސައްކަތަށް އަގު ހުށަހެޅުން އަންނަ މަހުގެ 22 ވަނަ ދުވަހުގެ 11:00 ގައި އޮންނާނެއެވެ. ކައުންސިލުގެ އިއުލާނުގައިވާ ގޮތުން އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ބޭނުންވާނަމަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ, ޕްރޮކިއުމަންޓް ސެކްޝަން، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ) އިންނެވެ. ކައުންސިލުގެ ނަންބަރު 3025487 އަށް ގުޅަން އެދިފައިވެއެވެ.
ބުޅާ ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތް ކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީން މިނިސްޓްރީއަށް ދީފައިވާ 5000 އަކަފޫޓުގެ ބިމެއްގަ އެވެ.