ޚަބަރު

ސަރުކާރުގެ މުވައްޒަފުން ގެއިން ބޭރަށް ނުނިކުންނަން އަންގައިފި

ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ.

މިކަން އަންގަވާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅުއްވާ ޚާއްޞަ ފިޔަވަޅުތަކާ ގުޅޭގޮތުން އެ އޮފީހުން މިއަދު ނެރުއްވި އެންގުމެއްގައެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވީނަމަވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރެއްވުމަށްވެސް މި ދެންނެވުމުން ދައުލަތުގެ މުއައްސަސާތަކަށް ވަނީ އަންގަވާފައެވެ.

(ހ) ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
(ށ) ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
(ނ) ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
(ރ) ފޯނާއި އިންޓަރނެޓްގެ ޚިދުމަތް؛
(ބ) ބޭންކުތަކުން ދޭ ޚިދުމަތް؛
(ޅ) ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
(ކ) ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
(އ) ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
(ވ) ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
(މ) ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
(ފ) ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
(ދ) ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
(ތ) އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
(ލ) ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް

(ގ) ޖަލުތަކުގެ ޚިދުމަތް؛
(ޏ) ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކާލުމުގެ ޚިދުމަތް؛
(ސ) މޫސުމާބެހޭ ޚިދުމަތް.

މި ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް ނެރުއްވާ މުވައްޒަފުންނާއި،ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން 2020 މާރިޗު 12 ވަނަ ދުވަހު އިޢުލާނުކުރައްވާފައިވާ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުއްވުމަށްވެސް ވަނީ އަންގަވާފައެވެ.

ސަރުކާރު ބަންދުކުރައްވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތެއް ދެއްވުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށްވެސް މި ދެންނެވުމުން ވަނީ އަންގަވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށް ދައުލަތުގެ އިދާރާތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރައްވަމުން ގެންދެވުމަށްވެސް ދައުލަތުގެ މުއައްސަސާތަކަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ވަނީ އަންގަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!