ދުނިޔެ

ފްލައިޓު ތެރޭގައި ހޫނުވާތީ އެމަރޖެންސީ ދޮރުން ނުކުމެގެން އެރީ ފްލައިޓުގެ ފިޔަ މައްޗަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދަތުރުކުރާ މީހުން ފްލައިޓުގައި އެކިކަހަލަ ތަފާތު ކަންތައްތައް ކުރާ ވާހަކަ އަކީ އައު ވާހަކައެއް ނޫނެވެ. ކޮވިޑް-19ގެ ސަބަބުން ފްލައިޓްތަކުގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާއިރު މާސްކު އަޅަން ދެކޮޅު ހަދާ ފަސިންޖަރުންނާއި އަދި ފްލައިޓު ޑިލޭ ވުމުގެ ސަބަބުން ރުޅިގަދަވެފައިވާ ފަސިންޖަރުންނާ ވެސް ފްލައިޓުގެ ކުރޫއިން ކުރިމަތިލާން ޖެހޭ ފަހަރު އާދެއެވެ. މީގެ ތެރެއިން ބައެއް ފަހަރުތަކަކީ މީހަކު ވީޑިއޯ ކޮށްފައި މީސްމީޑިއާއަށް ދޫކޮށްލުމުން އެކަން މީޑިއާ ތަކުގެ ސަމާލުކަމަށް އަންނަ ވާހަކަ ތަކެވެ.

Ads by Sosun Fihaara

ފްލައިޓަށް އަރާ ގިނަ މީހުން ކުރާ އެއް ކަމަކީ ހެޑްސެޓު ޖަހައިގެން ލަވައެއް ނުވަތަ އެހެން އެއްޗެއް ނަމަވެސް ޖަހާލުމެވެ. ނުވަތަ ރީއްޗަށް ހަމަޖެހިލައިގެން ނިދާލަން މަސައްކަތް ކުރުމެވެ. ނަމަވެސް މިއީ އެފަދަ ހާދިސާއެއް ނޫނެވެ.

ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންގެ ކުރޫ އިން ދާދި އިހަކަށް ދުވަހު "ޑީލް" ކުރަން ޖެހުނު ކަމަކީ މިއީއެވެ. ފްލައިޓުގައި އިން ފަސިންޖަރަކު ފްލައިޓުގެ އެމަރޖަންސީ ދޮރެއް ހުޅުވައިގެން ނުކުމެގެން ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް މީސްމީޑިއާގައި މިވަނީ އާންމުވެފައެވެ.

މިކަން ކޮށްފައިވާ އަންހެން މީހާއަކީ ދެކުދިންގެ މަންމައެއް ކަމުގައި މީޑިއާތަކުން ރިޕޯޓު ކުރެއެވެ. މި މީހާ ވަނީ ފްލައިޓު އޭގެ މަންޒިލު ކަމުގައިވާ ޔުކްރައިންގެ ކީވް އަށް ވާސިލުވުމުން ފްލައިޓު ތެރޭގައި މާ ހޫނުވާ ކަމަށް ބުނެ ފްލައިޓުން ބޭރަށް ގޮސްފައެވެ.

މަންޒަރު ދުށް މީހަކު ބުނީ މި އަންހެން މީހާ ފްލައިޓު ދޫކޮށް ފައިބައިފައި ވަނީ ގާތްގަނޑަކަށް ހުރިހާ ފަސިންޖަރުންހެން ފްލައިޓުން ފައިބާ ނިމުނު ފަހުން ކަމަށެވެ. އަދި މި މީހާ އިތުރަށް ބުނީ މި އަންހެން މީހާ ފްލައިޓުން ނުކުމެގެން އެގޮތަށް ފްލައިޓުގެ ފިޔަ މައްޗަށް އަރައިގެން ދާން ފެށުމުން އޭނާގެ ދަރިން ހައިރާންވެ ބަލަހައްޓައިގެން ތިބި ކަމަށެވެ.

މިގޮތަށް މިކަން ހިނގުމުން ފްލައިޓުގެ ޕައިލެޓް ވަނީ އެމްބިއުލެންސަށާއި ފުލުހުންނަށް ގުޅާފައެވެ. ޔޫކްރައިން އިންޓަރނޭޝަނަލް އެއަރލައިންސްއިން ވަނީ އެ އަންހެން މީހާއަށް ދެން އެ އެއަރލައިނުން ދަތުރު ނުކުރެވޭ ގޮތަށް ހަދާފައެވެ.

ފުލުހުން މި އަންހެން މީހާ ގާތުން ސުވާލު ކުރުމުން އޭނާ ވަނީ އެގޮތަށް ކަންތައް ކުރި ސަބަބެއް ކިޔައިދިނުމަށް ނުކުޅެދިފައެވެ. ނަމަވެސް ހާދިސާ ހިނގިއިރު އޭނާ ހުރީ  މަސްތުގެ ހާލަތުގައި ނޫން ކަމަށް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!