ރިޕޯޓް

ކޮވިޑް19: ޖަމާޢަތުގެ ނަމާދަށް މިސްކިތްތައް ފަޅުވުން ، ފެނިދާނެކަމަށް ވިސްނުމަށް ވެސް ނާންނަ ދުވަހެއް!

ދެން އެމްވީ ، ދެން އޮންލައިން

ނަމާދަކީ ލޯތަކުގެ ފިނިކަމެވެ. ހިތްތަކުގެ އުފަލެވެ. އިއްޒަތާއި ހިތްހަމަ ޖެހުން ލިބޭ އަޅުކަމެކެވެ. މިކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލްވެގެން ދަނީ ޖަމާޢަތުގައި ކުރާ ނަމާދުންނެވެ.

Ads by Sosun Fihaara

މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރެވޭނެ ޙާލަތަކަށް ހިނގައިދާނެ ކަމަށް ދުވަހަކު ވެސް ތިބާއަށް ވިސްނުނު ހެއްޔެވެ؟ ޔަގީނުން ވެސް އެއީ އެކެއްގެ ވެސް އުއްމީދުގައި ވާނޭ ކަމެއް ނޫނެވެ. މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް19 ގެ ނުރައްކާ ދިވެހިރާއްޖެއަށް ވެސް ފޯރާ ، ރާއްޖެ ނާމާން ކޮށްލުމުން ދިވެހި ސަރުކާރަށް ވެސް މަޖުބޫރުވީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ. މިއަދުގެ މެންދުރު ނަމާދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދަާއި ހަމަޔަށް މާލެއާއި ރިސޯޓްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލާފައެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯ އެވެ.

މިއަދުގެ މެންދުރު ނަމާދާއި އޭގެ ފަހުގެ ހުރިހާ ނަމާދެއްގެ ބަންގީގައި ގޭގައި ނަމާދު ކުރުމަަށް ވަނީ ގޮވާލާފައެވެ. އެކި މިސްކިތްތަކުން ގޮވިބަންގީގެ އަޑުތަކާއި ވީޑިއޯތައް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ގޭގައި ނަމާދު ކުރުމަށް ކޮންމެ މުދިމަކަށް ވެސް ގޮވާލެވެނީ ހިތްދަތިކަމާއި ނުތަނަވަސް ކަމުގައެވެ. ގިސްލެވޭ ޙާލުގައެވެ.

ނަމާދުގެ އަހުލުވެރިންނަށް ، އެބަހީ ޖަމާޢަތުގެ ނަމާދަށް މިސްކިތަށް ޙާޟިރުވުމަށް އާދަ ވެފައިވާ މީހުންނަށް މިއަދު މިއީ ހިތާމަވެރި ދުވަހެކެވެ. އެބައިމީހުންނަށް މިއަދު ވެފައިވަނީ ފަޅު ދުވަހަކަށެވެ. ހަށިގަނޑުން ބައެއް މަދުކަމުގެ އިހްސާސް ކުރެވޭ ދުވަހަކަށެވެ.

ނަމަވެސް ޖަމާއަތުގައި ނަމާދު ކުރުން މާލެއާއި ރިސޯޓްތަކުގައި ހުއްޓާލުމުން މިއަދު ވެސް ފެނިގެން އަދި އެނގިގެން ދިޔައީ އިސްލާމް ދީނުގެ ފުރިހަމަ ކަމެވެ. ދީނުގައި އެންމެ ބޮޑު އަހަމިއްޔަތު ކަމެއް ދެއްވާފައިވާ އަޅުކަމަކީ ނަމާދު ކަމުގައި ވީ ނަމަވެސް ނަމާދުގެ ޖަމާއަތް މެދުކަނޑާލާ ، މުސްލިމް މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިސްވެގެން ދިޔުމުން އަންގައިދޭ ކަމަކީ އިސްލާމް ދީނަކީ ކޮންމެ ޒަމާނަކާއި މަކާނަކަަށް ފެތޭ ދީނެއް ކަމެވެ. ސުބުޙާނަﷲ!

މިޙާލަތުގައި ވެސް މުއުމިނުންގެ މައްޗަަށް އޮތީ ކެތްތެރިވުމެވެ. ތައުބާވެ އިސްތިޣްފާރު ކުރުމެވެ. ކޮވިޑް19ގެ ނުރައްކަލުން މުޅި އިންސާނިއްޔަތު ސަލާމަތްކޮށް ދެއްވާ ޖަމާއަތުގެ ނަމާދުތަކަށް ފަހި މާހައުލަކަށް އެދި ދެންނެވުމެވެ. ދިވެހި އުއްމަތް މި ނުރައްކާތެރިކަމުން ސަލާމަތް ކުރައްވާށި! އާމީން!

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!