ރިޕޯޓް

ކޯވިޑް19: ފަރުދީ ޒިންމާ އަދާކޮށް އަމިއްލައަށް ލޮކްޑައުން ވަމާ!

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެން ކަޑައްތު ކުރަމުން މިދަނީ 2020 ވަނަ އަހަރުގެ ތިންވަނަ މަހުގެ ދުވަސްތަކެވެ. އަހަރު ފެށިގެން ދެބައި ނުވެގެން އުޅޭއިރު، ހަމަގައިމުވެސް މި އަހަރު ވެގެންދާނީ ތާރީހުގެ ތެރޭގައި ހިތާމައިގެ އަހަރެއްގެ ގޮތުގައި ލިޔެވިގެންދާނެ އަހަރަކަށެވެ.

Ads by STELCO

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޗައިނާގެ ވުހާން ސިޓީ އިން އުފަންވި ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޯވިޑް 19 މިވަނީ ދުނިޔެ މައިތިިރިކޮށްލާފައެވެ. ޗައިނާގައި ހަލުވި މިނެއްގައި ފުރަތަމަ ކޮޅު ފެތުރެން ފެށި މި ވައިރަސް މިދަނީ ހަލުވި ސްޕީޑުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވައިރަހަށް މިހާތަނަށް 203574 މީހުން ޕޮޒިޓިވް ވެފައިވާއިރު، ކޯވިޑް 19 ޖެހިގެން މިވަނީ 8246 މީހުން މަރުވެފައެވެ. ވައިރަސް ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންދާއިރު، އަދި މިހާތަަނަށް މި ބައްޔަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ސިއްހީ ތަޖްރިބާކާރުންނާއި ސައިންސްވެރިން ވަނީ ދާދި ފަހުން ކޯވިޑް 19 އަށް ވެކްސިން އެއް އުފައްދާ ، ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައެވެ. ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ވަނީ ކޯވިޑް 19 ގެ ސަބަބުން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، މި ވައިރަހަކީ ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އަހަރެމެންގެ ކުޑަކުޑަ ދިވެހިރާއްޖެއިން މިވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް 13 ބިދޭސީން ފެނިފައެވެ. ހެލްތް މިނިސްޓަރ ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. ސުކޫލުތަކާއި ޔުނިވަރސިޓީ ތަކާއި މިސްކިތްތައް މިވަނީ ބަންދުކޮށްފައެވެ. މިމަހުގެ 26 ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ. ރާއްޖޭގެ ހުރިހާ ރިސޯޓްތަކުން މީހުންނަށް ރަށްތަކަށް ނޭރޭ ގޮތަށް ބަންދުކޮށްފައެވެ. މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކެއް ބަންދުކުރީއެވެ. މި ނުރައްކާތެރި ވައިރަސް ފެތުރެން އޮތް ގިނަ ދޮރުތައް ބަންދުކޮށްފިއެވެ. ދެން ބާކީ އޮތީ ކޮންކަމެއް ތޯއެވެ؟ ދެން އޮތީ ފަރުދީ ޒިންމާ އަދާކުރުމެވެ.

މި ދަނޑިވަޅުގައި އެމީހަކު އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރެމެން ފަރުވާ ކުޑަކޮށް ކުރާ ކުޑަ ކުޑަ އެންމެ ކަމެއްގެ ސަބަބުން އެތައް ބަޔަކަށް މި ބަލި ޖެހުމަށް މަގުފަހިވެއެވެ. ސަރުކާރު ބަންދުކޮށް އަމިއްލަ އޮފީސްތައް ބަންދުކުރުމުން ވަޒީފާއިން ޗުއްޓީ ލިބުމުން އެކަމުގެ ނާޖާއިޒު ފައިދާ ނުނަގާށެވެ.މި ދަނޑިވަޅަކީ އެކުވެރިންނާއިއެކު ބޭރުތެރެ އުޅެ ކޮފީތަކަށް ދާންވީ ވަގުތެއް ނޫނެވެ. މި ވަގުތު އަހަރެމެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ ހެލްތު އެންޑް ޕްރޮޓެކްޝަން އެޖެންސީ އިންނާއި ސަރުކާރުން ދޭ އިރުޝާދުތައް އަޑުއަހާ އެގޮތަށް އަމަލު ކުރުމަށެވެ.

މިކަހަލަ ނާޒުކު ދަނޑިވަޅުތަކުގައި ރައްޔިތުން ހިތްހަމަ ނުޖެހޭ އެތައް ކަމެއް ހިނގާނެއެވެ. ސަރުކާރުން އަޅާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ބައެއް މީހުން ހިތްހަމަ ނުޖެހިވެސް ދާނެއެވެ. އެހެން ނަަމަވެސް މިއީ ހިތްހަމަ ނުޖެހުން ފާޅުކޮށް ފިތުނަ އުފައްދަންވީ ވަގުތެއް ނޫނެވެ. ރާއްޖެ މިއަދު މިއޮތީ އެއަށްވުރެ މާ ނާޒުކު ފައްތަރެއްގައެވެ. ބާކީ ތިބި މީހުން އުޅޭ ގޮތަށް ނުބަލާށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން އަވަސްވެގަންނާށެވެ. ބޭރުތެރެ ބޭކާރު ގޮތުގައި އުޅުމަށްވުރެ، ގޭގައި ހުރުމަށް އަދާކުރާށެވެ. ސަރުކާރަށް ގައުމު ލޮކްޑައުން ވާން ގޮވުމުގެ ބަދަލުގައި އަމިއްލައަށް ލޮކްޑައުން ވާށެވެ. ސަރުކާރަށް ކުރެވޭނީ މަސައްކަތެވެ. އެމަސައްކަތްތައް ކާމިޔާބު ކުރުމަކީ ރައްޔިތުންގެ އަތް މަތީގައި އޮތް ކަމެކެވެ. ޑޮކްޓަރުން ދޭ އިރުޝާދުތައް އަޑުއަހާށެވެ. ސާފުތާހިރުކަމަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދޭށެވެ.

ބައެއް މީހުންގެ ފަރާތުން މީސްމީޑިއާގައި ފެންނަ ކޯވިޑް 19 ޖޯކަކަށް ހެދުންވެސް ހުއްޓާލަން ވެއްޖެއެވެ. އަހަރެމެންގެ ލޮލަށް ނުވެސް ފެންނަ މި ކުޑަކުޑަ ނުރައްކާތެރި ވައިރަހަކީ ޖޯކަކަށް ވާނަމަ މިއީ ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައެއްނާޅާނެއެވެ. މި ބައްޔަކީ ޖޯކަކަށް ވާނަމަ، މިކަމުގެ ސަބަބުން ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި ބާރުގަދަ ގައުމުތައް ހުއްޓުމަކަށް ނާންނާނެއެވެ. ކޯވިޑް 19 އަކީ ޖޯކެއް ނަމަ ދުނިޔޭގެ އެންމެ ބޮޑެތި ކުޅިވަރު މުބަރާތްތަކާއި އިވެންޓްތައް މަޑުޖައްސާނުލާނެއެވެ. މި ބައްޔަކީ ޖޯކެއް ނަމަ ދެލައްކައަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި 8000 އަށްވުރެ ގިނަ މީހުން މިބަލީގެ މަރެއް ނުވާނެއެވެ. ހުރިހާ ކަމަކީ ޖޯކެއް ނުވަތަ މީމް އަކަށް ހެދުން ހުއްޓާލާށެވެ. މީސްމީޑިއާގައި ބޮޑެތި ޕޯސްޓްތައް ކޮންމެ މީހަކަށްވެސް ލިޔެވިދާނެއެވެ. އެހެންނަމަވެސް މުހިންމީ ބޮޑެތި ޕޯސްޓްތައް ލިޔުމެއްނޫނެވެ. މުހިންމީ ތިބާ ލިޔާ އެއްޗެހި އަމަލުން ދެއްކުމެވެ.

ވަގުތު ފާއިތުނުވަނީސް ދިވެހިން ކޯވިޑް 19 ސީރިއަސްކޮށް ނަގަން ވެއްޖެއެވެ. ޗައިނާ އިޓަލީ އިނގިރޭސި ވިލާތް ނުވަތަ އިންޑިއާ ފަދަ ގައުމުތަކުގައި އެހާ ހަލުވިކަމާއިއެކު މިވައިރަސް ފެތުރެމުން ދާއިރު، އަހަރެމެންގެ މިކުޑަކުޑަ ދިވެހި ރާއްޖޭގައި މިވައިރަސް ފެތުރިއްޖެނަމަ ވާނެގޮތާއި މެދު ވިސްނާށެވެ. މިއީ ދިވެހިން ހުން އަންނާނެ ކަމަށް ރަޖާ ލާންވީ ވަގުތެވެ. މިގައުމަށް ކުރިން ދިމާވި ބޮޑެތި ކާރިސާތަކުން އަރައިގަތީ އެެކުވެރިކަމާއި އެއްބައިވަންތަކަމާއިއެކު މަސައްކަތް ކޮށްގެންނެވެ. ވަގުތު ފާއިތުނުވަނީސް ފަރުދީ ޒިންމާ އަދާކުރާށެވެ. އެހެންނޫނީ އެ ނުރައްކާތެރި ވައިރަސް މި ގައުމު ހުލި ކޮށްލަފާނެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!