ޚަބަރު

ގެޒެޓްކުރާތާ ތިން މަސް ދުވަހުން ގޯތި ހަވާލުކުރާގޮތަށް ފާސްކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ ތެރެއިން

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ގޯތި ހަވާލުކުރަން ޖެހޭގޮތަށް ގާނޫނު އިސްލާހުކޮށްފިއެވެ.

Ads by Hajj Corporation

ގޯތި ދޫކުރި އިދާރާއަކުން އެ ގޯތިތައް ލިބުނު މީހުންނަށް 3 މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަންޖެހޭ ގޮތަށް ރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ކޮމިޓީން ގެނައި އިސްލާހުތަކާއެކު މި ބިލް މަޖިލީހުން ފާސްވީ 35 މެންބަރުންގެ ވޯޓުންނެވެ.

މީކާއީލް ހުށަހެޅުއްވި ބިލުގައި ވަނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްކުރާ ތާރީހުން ފެށިގެން 6 މަސް ތެރޭގައި ގޯތި ހަވާލުކުރާ ގޮތަށެވެ. ނަމަވެސް ބިލު ދިރާސާކުރުމުގެ މަރުހަލާގައި ވަނީ އެ މުއްދަތު ތިން މަސް ދުވަހަށް މަދުކޮށް، އެގޮތަށް ފާސްކޮށްފައެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްގައި ޝާއިއުކޮށް ރަޖިސްޓަރީ ވަކި މުއްދަތެއްގައި ހަވާލުކުރަންޖެހޭ ގޮތަށް ވެސް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، ބަދަލުދޭން ނުޖެހޭ ހާލަތްތަކުގައި ބިންތަކުގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހެއެވެ. އަދި ބަދަލުދޭންޖެހޭ ހާލަތުގައި ހުރި ބިންތަކުގެ ރަޖިސްޓަރީ އެއް އަހަރުގެ ތެރޭގައި ހަވާލުކުރަންޖެހެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!