އައްޑޫ މީދޫ އިކޯގާޑެނަށް ވަންނަން ދިވެހިން އަތުން 10 ރ. ނަގަނީ

އައްޑޫ ސިޓީ މީދޫގައި ހުންނަ މަތިކިޅީގެ އިކޯގާޑެންއަށް ވަންނަ ދިވެހިންގެ އަތުން 10 ރުފިޔާ އަދި ފަތުރުވެރިންގެ އަތުން 50 ރުފިޔާ ނެގުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނާ ގޮތުން ދިވެހިންނާއި ފަތުރުވެރިންގެ އިތުރުން ވޯކް ވިސާގައި ރާއްޖޭގައި ތިބޭ ބިދޭސީ މީހުންގެ އަތުން 15 ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އިވެންޓުތައް ބާއްވަން އެ ތަން ކުއްޔަށް ދޫކުރެވޭނެ ކަން ވެސް އިއުލާނުކޮށްފައިވެ އެވެ. ކުއްޔަށް ދޫކުރަނީ މަދުވެގެން ތިން ގަޑިިއިރަށް 800 ރުފިޔާ އަށެވެ. އެއަށް ވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް އިތުރަށް 100 ރުފިޔާ ޗާޖު ކުރެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.
މި ފީތަކުން ލިބޭ އާމްދަނީ ޖަމާކުރާނީ އައްޑޫ ކޮންޒަވޭޓިވް ޓްރަސްޓް ފަންޑަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ އެ ފަންޑުގެ އާމްދަނީ ބޭނުންކުރަނީ އެ ސިޓީގެ ކުޅިތަކުގައި ގާއިމުކޮށްފައިވާ އިކޯ ގާޑެންތަކުގެ ތަރައްގީއަށާއި ބެލެހެއްޓުމަށް ކަމަށެވެ.