ގެެއްލުނު ބިދޭސީ މީހާ ދަތުރުކުރި ކަޔަކް ބޯޓުގެ ފޮޓޯއެއް އާންމުކޮށްފި

ގދ. އަތޮޅު ރަފެލްސް މޯލްޑިވްސް ރިސޯޓްގައި މިއަދު ކަޔަކްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލި އޭނާ ހޯދުމުގެ މަސައްކަތް އަވަސްކުރަން ކަޔަކުގެ ފޮޓޯ އާންމުކޮށްފި އެވެ.
ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ހިމަނާފައިވާ ފޮޓޯއިން ފެންނަނީ ރީނދޫ ކުލައިގެ ކަޔަކް ބޯޓެކެވެ. ބިދޭސީ މީހާ ނޫނީ ބޯޓު ފެނިއްޖެނަމަ ފުލުހަށް އަންގަން އާންމުންގެ ކިބައިން އެދުނެވެ.
އެ ބިދޭސީ މީހާ މޫދަށް ފޭބީ މިއަދު ހެނދުނެވެ. ގެއްލުނު ކަމަށް ރިޕޯޓް ކުރީ މިއަދު ހަވީރު ތިނެއް ޖަހާކަށް ހާއިރެވެ. ގެއްލުނީ, ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއެކެވެ.
މިއަދު މޫދަށް ފޭބި ބިދޭސީއަކު ގެއްލުނު އިރު ހުކުރު ދުވަހު ހަތަރު މީހަކާއެކު ދޯންޏެއް ގެއްލިފައިވެ އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މޫސް ގޯސް މި ދުވަސްވަރު ކަނޑުދަތުރު ނުކުރުމަށް ވެސް ސަލާމަތީ ހިދުމަތްތަކުން އިލްތިމާސްކޮށްފައިވެ އެވެ.