ޚަބަރު

މިފްކޯގެ ސީއީއޯ ކަމުން ޝަމާހު ވަކިކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަމާހު ރަޝީދު ވަކިކޮށްފިއެވެ.

Ads by Hajj Corporation

ޝަމާހު މަގާމުން ވަކިކުރަން އަންގައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ޕޯސްޓުކޮށްފަ އެވެ. އޭގައި އިތުރު ތަފުސީލެއް ނެތެވެ.

ޝަމާހު މަގާމުން ވަކިކޮށްފައި މި ވަނީ، މާޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 24 ވަނަ ދުވަހާ ހަމަައަށް އޭނާ ސަސްޕެންޝަނުގައި ބަހައްޓައި، ސަސްޕެންޝަން އުވާލިތާ މަހެއްހާ ދުވަސް ފަހުންނެވެ.

އޭރު އޭނާ ސަސްޕެންޑްކުރީ 12 ކަމެއް ތުހުމަތުކޮށެވެ. ޝަމާހު އެ ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.

ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުން ކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި ޑިޕާޓްމަންޓްތައް ބަދަލު ކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ކުންފުނީގެ ސައިޓްތައް ހުންނަ އެހެން ރަށްރަށަށް ބަދަލު ކުރުން އަދި މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ކުންފުނީގައި އޮންނަ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް, ބަޖެޓް ހަމަޖެހިފައި ނުވާއިރުވެސް ސީއީއޯގެ އާއިލީ ގުޅުން ހުރި ފަރާތްތަކާއި ރައްޓެހިންނަށް ވަޒީފާ ދިނުން ހިމެނެއެވެ.

ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވައިދާ ހިލާފަށް އެއްވެސް ޝަރުތަކަށް ބެލުމެއް ނެތި އާންމުކޮށް އިއުލާން ކުރުމެއް ވެސް ނެތި މުވައްޒަފުން ނެގުމާއި އިޖުރާއަތު ތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުމާއި ޕީސީބީގެ ހުއްދަ ނުހޯދާ ކުންފުނީގައި މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނެގުން ވެސް ހިމެނެ އެވެ.

އުސޫލުތަކާ ހިލާފަށް ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި، އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ހަމަޖެއްސުންވެސް ޕީސީބީން ޝަމާހަށް އޭރު ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!