ބްރިޖުގައި ދުއްވާއިރު އިތުރަށް ސަމާލުވާން އިލްތިމާސްކޮށްފި

ސިނަމާލެ ބްރިޖު އަދި ހައިވޭގައި ދުއްވާއިރު އިތުރަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރު ކުރާ އިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ސައިކަލު ދުއްވާ އިރު ކުޑަ ނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާ ގޮސްދާ ފަދަ ކޯޓު ބޭނުން ނުކުރުމަށާއި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.
އޭގެ އިތުރުން، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.
މޫސުން ގޯސްވެ ކަނޑު ގަދަ ދުވަސްވަރަކަށް ވާތީ ކަނޑު މަގުން ދަތުރު ކުރުމުގައި ސަމާލު ވާން ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ. ކަނޑުމަތީ ހާދިސާތަކެއް ވެސް މިދިޔަ ދުވަސްތަކުގައި ހިނގާފައިވާއިރު ކަނޑު ދަތުރުތައް ފަސްކުރުމަށް ސަލާމަތީ ހިދުމަތްތަކުން ވަރަށް ބޮޑަށް އެދެއެވެ.