މި ފަހަކަށް އައިސް ރާއްޖޭގައި ބޮޑުވެފައިވާ "ސްކޭމް" ގެ މައްސަލަ ހައްލުކުރަން އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރަން ހިމަނައި ކުރިއަށް އޮތް ފަސް އަހަރުގެ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިހްސާން އެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުން ބައިވެރިވި އެވެ.
ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި، އިސްކަންދޭނެ މުހިންމު ފަސްކަމެއް ފާހަގަކޮށްފައިވެ އެވެ. އެ ފަސް ކަމަކީ:
ކޮމްބޭޓިން ކްރިމިނަލް ތްރެޓްސް: ދިވެހި ގައުމަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުންގެ ހިދުމަތުގެ މަރުކަޒީ އަދި ސަރަހައްދީ ގާބިލުކަން ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ހަރަކާތްތެރިވެ، ގޭންގު މާރާމާރީތައް ހުއްޓުވައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ހޯދައި އަދި ހިއުމަން ޓްރެފިކިން، ވައްކަން، ފޭރުން، މަކަރާއި ހީލަތް، ޓްރެފިކް ގަވާއިދާ ހިލާފުވުން، ސައިބާ ކްރައިމް، ޓެރަރިޒަމް، ވައިލެންޓް އެކްސްޓްރީމިޒަމް، ގެވެށި އަނިޔާ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ޕަބްލިކް ޑިސްއޯޑާ ހިމެނޭހެން ރަައްޔިތުންގެ އިތުބާރު އުފެއްދުމަށް މުޖުތަމައާ ގުޅިގެން، ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުން.
ޕްރިއޯރަޓައިޒިން ކޮމިއުނިޓީ އެންގޭޖްމަންޓް އެންޑް ޕޮލިސިން: ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ކޮމިއުނިޓީ ޕޮލިސިން މޮޑެލްއެއްގެ ތެރެއިން ފުލުހުންގެ ހިދުމަތް އިތުރަށް ތަރުތީބުކޮށް މަސައްކަތްކުރުން.
މޮޑަނައިޒިންގ އެންޑް އަޕްގްރޭޑިން ޕޮލިސް އިންފްރާސްޓްރަކްޗާ އެންޑް ޕްރެކްޓިސް: ސްޓްރެޓެޖިކް އިންވެސްޓުމަންޓުތަކުގެ ތެރެއިން ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ހިދުމަތުގެ ފެންވަރު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ބޭނުންވާ ފިޒިކަލް އިންފްރާސްޓްރަކްޗާ، ޓެކްނޮލޮޖީ، އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިކޮށްދޭނެ ދިގުރާސްތާ ޕްލޭނެއް އެކުލަވައިލާ ތަންފީޒުކުރުމާއި ފުލުހުންގެ ހިދުމަތުގެ ތެރޭގައި ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ޑިޕާޓްމަންޓުތައް ގުޅިގެން މަސައްކަތް ކުރެވޭނެ ސަގާފަތެއް އުފެއްދުން.
ފޮސްޓަރިން އިފެކްޓިވް ގަވަރނެންސް އެންޑް ލީޑާޝިޕް ޑިވެލޮޕްމަންޓް: ފުލުހުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި އެތެރޭގައި ގާއިމުކުރެވިފައިވާ ޑިޕާޓްމަންޓުތަކާއި، ސިސްޓަމްތަކާއި، ޕްރޮސެސްތަކާއި ގަވާއިދުތަކާއި، ޕޮލިސީ އަދި ޕްރޮސީޖާތައް، ރިވިއުކޮށް ރަނގަޅުކުރުމަށް އިސްކަންދީ، ކޯ ޕޮލިސިންގ ފަންކްޝަންތައް އަދި ހުރިހާ ލެވެލްއެއްގައި ލީޑާޝިޕް އެޕްރޯޗް ހަރުދަނާކޮށް، ހުނަރުވެރި ގާބިލު ދުޅަހެޔޮ މުވައްޒަފުން ބިނާކޮށް ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުން.
އެންޝުއަރިން އެކައުންޓެބިލިޓީ އެންޑް އެތިކަލް ކޮންޑަކްޓް: ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ ހިދުމަތަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ހިދުމަތަކަށް ހަދައި، ނަޒާހަތްތެރިކަމުގެ ސަގާފަތެއް އުފެއްދުން.
ފުލުހުންގެ އިދާރާއިން ބުނީ، ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނާއެކު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން މުހިންމު ކަންތައްތަކެއް ހާސިލުކުރެވިގެންދާނެ ކަމަށްވެސް ފުލުހުން ގަބޫލުކުރެ އެވެ.
އެގޮތުން މަސްތުވާތަކެއްޗާއި ގޭންގު ވައިލެންސާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ގާއިމުކުރެވިގެންދިއުމާއި ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރެވިގެން ދިއުމާއި ނެއިބާހުޑް ޕޮލިސިން އިތުރަށް ތަރައްގީކުރުމަށްޓަކައި ލޯކަލް ޕޮލިސިން ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މުސްތަގުބަލަށް ފޯކަސްކުރާ އަދި އަދި ޑޭޓާ ޑްރައިވަން ޕޮލިސިން ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ގާއިމުކުރެވިގެން ދިއުމާއި އާބަން ސެންޓަރުތަކުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތާއި ޕޮލިސް ބޭސިކް ސްކިލްސް ތަރައްގީކުރުމާއި ލީޑާޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއާ ތަމްރީނު ޕްރޮގްރާމްތައް ފެށުމުގެ މަސައްކަތުގެ އިތުރުން ޕޮލިސިން ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒުކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަރނަންސް އަދި ޑިސިޝަން މޭކިން ނިޒާމުގައި މި ފްރޭމްވޯކް ބޭނުންކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.