މި ސަރުކާރުން ފައިސާ ޗާޕުކުރާ ކަމަށް ޔާމީން ތުހުމަތު ކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ފައިސާ ޗާޕު ކުރާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފި އެވެ.
ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ދިވެހި އިގުތިސޯދު އަންދާޒާ ކުރި ގޮތަށް ކުރި އަރާފައި ނުވާތީ ދައުލަތަށް މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ހޯދުނީ 12 ބިލިއަން ރުފިޔާ އެވެ.
ދައުލަތުން މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއަކީ 36 ބިލިއަން ރުފިޔާ އެވެ. ބާކީ އަދި 24 ބިިލިއަން ރުފިޔާ އަދި ނުލިބެ އެވެ. ދައުލަތުގެ ބަޖެޓަށް 50 ބިލިއަން ރުފިޔާ ޖައްސާފައިވާ އިރު އެ ކަން ފޫބައްދަން އިތުރު 14 ބިލިއަން ރުފިޔާ ބޭނުންވާނެ އެވެ.
އެމްއެމްއޭގެ ބައެއް ސްޓޭޓްމަންޓްތަކާ ހަވާލާ ދެއްވައި ޔާމީން ވިދާޅުވީ ނޮވެމްބަރު މަހުގެ ފަހުން މިއަދާ ހަމައަށް އެމްއެމްއޭން ސަރުކާރަށް ދޫކޮށްލި ކުރު މުއްދަތުގެ ލޯނުގެ ގޮތުގައި 13.7 ބިލިއަން ރުފިޔާ ދީފަ އެވެ. ސަރުކާރުގެ ހަރަދުތައް ފޫބައްދަނީ "ފައިސާ ޗާޕުކޮށްގެން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ ހަމަ ޗާޕު ކުރުން، ފައިސާ ޗާޕު ކުރެވޭނީ ދެ ގޮތަކަށް، އެއް ގޮތަކީ ޕްރިންޓަރުން ޗާޕުކޮށްގެން ގެނައުން، ދެން ބާޒާރުގައި ނެތް ފައިސާ، އެމްއެމްއޭން ނަގައިގެން ބޭނުން ކުރުން، އެހެންވީމަ އެއީ ޗާޕު ކުރުން، އެއީ ބޭންކުތަކުގެ ޑިޕޮސިޓް ކުރުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ "ފައިސާ ޗާޕުކޮށްގެން" ވެސް ސަރުކާރުގެ ހަރަދުތައް ހަމަނުޖެއްސޭ ކަމާއި ސަރުކާރު މެނޭޖު ނުކުރެވޭ ކަން ވެސް ފެންނަމުންދާ ކަމަށެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވީ މަސްވެރިންގެ އަތުން މިފްކޯއިން ދަރަންޏަށް ގަތް މަހަށް ފައިސާ ނުދެވުމާއި ކަރަންޓު ބިލުތައް "އާދަޔާ ހިލާފަށް" ބޮޑުވެގެން އުޅޭ ކަމަށެވެ.
ޔާމީން ގެންދަވަނީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ ބައެއް ސިޔާސަތުތަކަށް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.