ޚަބަރު

މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީފި

އަލީ ސަމާޙް ، ދެން އޮންލައިން

ސަރުކާރު މަސް ކުންފުނި މިފްކޯ އިން މަސްވެރިން ކިރުވި މަހަށް ދައްކަންޖެހޭ 53 މިލިއަން ރުފިޔާ މިއަދު ޖަމާކުރަން ފަށައިފި އެވެ.

Ads by STELCO

މިފްކޯއިން، މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޖޫން މަހުގެ 27 ގެ ނިޔަކަށް އޮޑިވެރިންނަށް ދައްކަންޖެހޭ 53 މިލިއަން ރުފިޔާ ޖަމާކޮށް މިރޭ ނިމޭނެ ކަމަށެވެ.

މިފްކޯއިން ބުނީ މި ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައި ކަމަށެވެ.

މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފަ އެވެ.

މިސަރުކާރު ހަވާލުވި ފަހުން ތެލާއި އައިސް ހިމަނައިގެން މިއަދާއި ހަމަޔަށް މަސްވެރިންނަށް ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށް މިފްކޯއިން ބުނެއެވެ.

މަހުގެ އަގު ދަށްވެގެންދާއިރު، މިފްކޯއިން މަސްގަންނަ އަގަށްވުރެ ތަފާތުބޮޑުކޮށް އަގު ދަށަށްދެ އެވެ. މިގޮތުން މިވަގުތު ދުނިޔޭގެ ބާޒާރުގައި މަސްކިލޯއެއް 1.3 ޑޮލަރު (20.04 ރުފިޔާ)އަށް ހުރި އިރު މިފްކޯއިން މަސްވެރިންގެ އަތުން ގަންނަމުންދަނީ 20 ރުފިޔާއަށެވެ. މިފްކޯގެ ހަރަދުތައް ހުރި ގޮތުން، ސަރުކާރުން ސަބްސިޑީ ނުދޭނަމަ، އެކުންފުންޏަށް ކިލޯއަކުން 8 ރުފިޔާ ގެއްލުންވާނެ އެވެ. އަދި ސަރުކާރުން މިފްކޯއަށް މިއަހަރު ނިމޭއިރު 600 މިލިއަނާއި ގާތްކުރާ އަދަދަކަށް ސަބްސިޑީގެ ގޮތުގައި ފައިސާ ދޭނެޖެހޭނެ އެވެ.

Ads by HDC