މަސްވެރިކަން ދަށް މޫސުމުގައި މުވައްޒަފުން ނިކުތީ ކޫއްޑޫ ސާފުކުރަން

މިފްކޯގެ ސައިޓެއް ކަމުގައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) ގެ މުވައްޒަފުން އިސްނަގައިގެން އެރަށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
މިފްކޯއިން ބުނީ މިއަދު ހެނދުނު ކޫއްޑޫގައި ފެށި އެ ޕްރޮގްރާމުގައި މިފްކޯގެ މެނޭޖުމެންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ކޭއެފްސީގެ އެސިސްޓެންޓް ރީޖަނަލް މެނޭޖަރު މުސްތަފާ ޖަމީލު (އޭއާރުއެމް) ވިދާޅުވީ، ޖުމްލަކޮށް މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން މުވައްޒަފުން އިތުރަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތުމާއެކު ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ފެށީ ކަމަށެވެ.
"މި ހަފްތާ ނިމެންވާ އިރަށް ރަށުތެރެ އެއްކޮށް ސާފުކުރެވޭނެ." މުސްތަފާ ވިދާޅުވި އެވެ.
ކުންފުނީގެ މާލީ ހާލަތު ތަންދޭ މިންވަރަކުން މިފްކޯއިން އަންނަނީ ކޫއްޑޫ ފެސިލިޓީން އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުންނެވެ.