ފަލަސްތީނު ހިމާޔަތް ކުރަން ފިޔަވަޅުތައް އަވަސްކުރުމަށް އދ. ގައި ޝާހިދު އެދިވަޑައިގެންފި

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ފިޔަވަޅުތައް އަަވަސް ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.
ދެ ސަރުކާރެއްގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު މިއަދު ވަނީ އެކުވެރި ދައުލަތްތައް (އދ.) ގެ ހައި ކޮމިޝަނާ ފޮ ހިއުމަން ރައިޓްސް ވޮލްކާ ޓޫކް އާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުން އޮތީ މިއަދު ސްވިޒަލެންޑްގެ ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގަ އެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. ހާއްސަކޮށް ފަލަސްތީނުގެ ވާހަކަ އއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވިފައިވާ ކަން ފާހަގަކުރައްވައި، އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް، ވޮލްކާ ޓޫކްގެ އަރިހުން ޝާހިދު އެދިވަޑައިގަތެވެ.
އެމްޑީޕީން ބުނީ ހައި ކޮމިޝަނާގެ ވާހަކަފުޅުގައި، މިދިޔަ ސަރުކާރުގެ ދުވަސްވަރު އދގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު އިންނެވިއިރު އިންސާނީ ހައްގުތައް ކަށަވަރުކޮށް ކުރިއެރުވުމަށް ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތައް ފާހަގަކުރެއްވި ކަމަށެވެ. އަދި އެ ކަމަށް ތައުރީފު ކުރެއްވި ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅާއި، ޝާހިދުގެ ވަޒީރުކަމުގައި ޖެނީވާގައި ދިވެހިރާއްޖެއިން އަދާކުރި އިސް ދައުރަށް ވެސް އެމަނިކުފާނު ތައުރީފު ކުރެއްވި ކަމަށް އެމްޑީޕީން ބުންޏެވެ.