ހުޅުމާލޭގެ އިމާރާތަކުން ގަވާއިދާ ހިލާފަށް އުޅޭ 22 ބިދޭސީއަކު ހޯދައިފި

ހުޅުމާލޭގެ އިމާރާތަކުން ގަވާއިދާ ހިލާފަށް އުޅޭ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ލިޔެފައިވާ ގޮތުގައި ހުޅުމާލޭގެ ތިން ބުރީގެ އިމާރާތުން ބަލައިފާސްކުރީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ހިއްސާކޮށްފައިވާ މައުލޫމާތާ ގުޅިގެން ކަމަށެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާއިރު މި ފަހުން ހިންގި އޮޕަރޭޝަންތަކުގައި 120 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ދާދި ފަހުން އިމިގްރޭޝަނުން ހިއްސާކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން ޖުލައި 15 އާ ހަމަޔަށް 2069 ބިދޭސީއަކު ޑީޕޯޓްކޮށްލާފައިވެ އެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފަހު ގަވާއިދުގެ ތެރެއަށް ވަންނަން ފުރުސަތު ދިނުމުގެ ބަދަލުގައި ޑިޕޯޓުކޮށްލުމެވެ.