ކާރުން ޖެހި އަނިޔާވި މީހާ އައިޖީއެމްއެޗަށް ބަދަލުކޮށް ވާޑުގައި ފަރުވާދެނީ
ހުޅުމާލޭގައި ކާރަކުން ޖެހި ވަރަށް ބޮޑަށް އަނިޔާވި މީހާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް އެ ހޮސްޕިޓަލުގެ ވާޑުގައި ފަރުވާ ދޭން ފަށައިފި އެވެ.
ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހަކު ދުއްވާފައި ދިޔަ ކާރަކުން އައިސް ޖެހުމުން ވަރަށް ބޮޑަށް އަނިޔާވުމުން ފުރަތަމަ ފަރުވާއަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
މިހާރު އޭނާ އައިޖީއެމްއެޗްގެ ވާޑުގައި ފަރުވާ ދެމުންދާ ކަން އެ ހޮސްޕިޓަލުން ކަށަވަރުކޮށްދެ އެވެ. އޭނާގެ ހާލަތާ ގުޅޭ ތަފުސީލެއް ނުލިބެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓް ކައިރީގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން މިހާރު ދަނީ ސޯޝަލް މީޑީއާގައި ދައުރުކުރުވަމުންނެވެ. އެ ވީޑިއޯ އިން ސައިކަލެއްގައި ދުއްވާފައި އަންނަ މީހަކު މަގުގެ އެއް ފަަރާތުގައި މަޑުކޮށްލާ މަންޒަރު ފެނެ އެވެ.
އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ރަތް ކުލައިގެ ކާރެއް ބާރު ސްޕީޑުގައި އެ މީހާއާ ދިމާލަށް ދުއްވާފައި އަންނަ މަންޒަރު ފެނެ އެވެ. ކޮންޓްރޯލުން ނައްޓާލާފައިވާ އެ ކާރުން ޖެހުމާ އެކު، އެ މީހާ ވިއްސައިގެންދެ އެވެ.
ކާރު ދުއްވަން ތިބި މީހުން ވަނީ އެކްސިޑެންޓުވުމުން ފިލައިގެން ގޮސްފަ އެވެ. ފުލުހުން ދަނީ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.